ދިވެހިންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދަން އެފްޓީއޭ މަގުފަހިކޮށްދޭނެ: ރައީސް
ދިވެހިންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދަން އެފްޓީއޭ މަގުފަހިކޮށްދޭނެ: ރައީސް

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިވެ، ދިވެހިންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ގުޅިގެން، އިހުލާސްތެރި ކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި، ދިވެހި ރައްޔިތުންގެ ލާބައަށްޓަކައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މާފަންނުގައި ކުރިން ވެސްޓްޕާކު ރެސްޓޯރަންޓް ހިންގި ތަނުގައި ހެދި ހަތަރު ބުރީގެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް ސަރުކާރުން ބުނާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ބޮޑު ނުރައްކަލެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަޖިލީހުން އަވަސް އަރުވާލައިގެން އެއްވެސް ދިރާސާއެއް ކުރުމެއް ނެތި މިނިވަން ވިޔަފާރީގެ އެ އެއްބަސްވުން ގާއިމުކުރަނީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކަމަށެވެ.

އިދިކޮޅު މީހުންގެ ވާހަކަތައް ސަރުކާރުން ދޮގުކުރެ އެވެ. އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެފްޓީއޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ އެވެ. އަދި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.