ހިމޭން ބަހުރުވަ
ހިމޭން ބަހުރުވަ

ފޯނު ރަނގަބީލުވެއެވެ. އެތައް އިރަކު ރަނގަބީލުވުމަށް ފަހު ކެނޑެނީއެވެ. ފަހަކަށް އައިސް އެ ކަން އާންމުވެއްޖެއެވެ. ކިތަންމެ ކޯލެއް އަހަރެން ކުރިޔަސް އަދުހަމެއް ނުގުޅައެވެ. އަހަރެންގެ މައިވަންތަ ލޯތްބަށް ޙައްޤު ހަދިޔާއަކީ އެއީ ހެއްޔެވެ؟ އެ ދަރިފުޅު ބޮޑުކުރުމުގައި އަހަންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ މެލޭޝިޔާއަކީ ކުޑަ ތަނެއް ނޫނެވެ. ދަރިފުޅު ހޯދަން އެ ތަނަށް އަހަރެން ގޮސްގެން ވާނެ ފައިދާއެއް ނެތެވެ. އަހަރެން ދެކެ ދަރިފުޅު ފޫހިވީބާއެވެ؟ އެކަމަކު އަހަރެން ނޫނީ އަދުހަމްގެ ހުރީ އެހެން ކާކު ހެއްޔެވެ؟ ފޯނު ހިފައިގެން އަހަރެން ވިސްނަން ހުރީމެވެ. މީހުން ދައްކަނީ ތެދު ވާހަކައެއް ހެއްޔެވެ؟ ކިލާސް ގަޑީގައި އަދުހަމް އެހެން ތާކަށް ދަނީ ހެއްޔެވެ؟ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. އަހަރެންގެ މައިލަގޮނޑި ފަޅައިގެންދާވަރު ވެއްޖެއެވެ. އަދުހަމަށް އަހަރެން ދިނީ ކަނުލޯތްބެއް ހެއްޔެވެ؟ އަހަރެންގެ ލޮލަށް އަދުހަމް ދެއްކީ ފުލޯކު މަންޒަރުތަކެއް ހެއްޔެވެ؟ ވެހެމުންދިޔަ ވާރެޔަށް ނަޒަރު ހުއްޓައިލައިގެން ކުޑަދޮރު ކައިރީގައި އަހަރެން ހުއްޓައި ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅަނީ ކާކުތޯ ނުވެސް ބަލައި ކަންފަތުގައި ފޯނު ޖައްސައިލީމެވެ.

"ދޮންތާ!" ސާމިރު ބުންޏެވެ. "އަހަރެން މިހާރު މިހިރީ އަދުހަމްގެ ކޮލެޖުގަ. އޭނަ ކްލާހަށް ނާންނަތާ ދިހަ ދުވެސް ވެއްޖެޔޯ!"

އެހެނެއް ނުވާނެޔޭ ބުނެލަން އަހަންނަށް ވަރަށް ފަސޭހައެވެ. އެކަމަކު އެހެން ވެއްޖެއެވެ. މެލޭޝިޔާ ތެރެއަށް އަދުހަމް "ގެއްލިއްޖެ" އެވެ. އަހަންނަށް ސިއްރު ކުރަންޖެހޭ ކަހަލަ ކަމެއް އޭނަ އެބަ ކުރެއެވެ. މި ފަދަ ދުވަހެއް ދެކެންޖެހިދާނެކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަމެވެ. މިހާރު ހިތަށްއަރައެވެ. އަދުހަމް ކަހަލަ ދަރިޔަކު ނުލިބުނު ނަމަ މާ ރަނގަޅުވީހެވެ. އެކަމަކު ދަރިޔަކު ނުލިބިގެން އުޅުނުއިރު ހިތަށްއެރިއެވެ. ދަރިއެއްގެ ނަސީބުން އަހަރެން މަޙްރޫމުވުމުގެ ފަހަތުގައި އޮތް ރަނގަޅަކީ ކޮބައި ހެއްޔެވެ؟ އަހަރެން ބޭނުންވީ ފިރިހެންކުއްޖެކެވެ. އެ ކަމަށް ޓަކައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރީމެވެ. ލިބުނީ މާޔޫސްކަމެވެ. މަންމައެއްގެ ޝަރަފެއް ނުލިބުނެވެ. ރައްޓެހިންގެ ސުވާލުތަކަށް ދޭނެ ޖަވާބު ހުސްވެ، ޝަކުވާތަކުން އަހަރެންގެ ހިތް ފުރުނެވެ. ކުދިން އުރައިގެން ހިނގާ އަންހެނުންނާ ދިމާއަށް ނަފުރަތުގެ ނަޒަރުން ބެލެން ފެށުނެވެ. ކޮންމެ ނަމާދަކަށް ފަހު އަހަރެން ދުޢާކުރީމެވެ. ދުނިޔެމަތިން ފޫހިވުމުގެ ކުރިން އަހަންނަށް ދަރިޔަކު ދެއްވާށެވެ. ލިބުނު އޯގާތެރި ފިރިމީހާ އަހަރެން ދޫކޮށްލަފާނެ ކަމުގެ ބިރު ހީވާން ފެށިއެވެ. ހެޔޮނުވާނެއެވެ. އަހަރެންގެ އުނގަށް ވެރިވެފައިވާ ފަޅުކަން ފިއްލަވައިދެއްވާނދެއެވެ.

އަހަރެން ބަނޑުބޮޑުވިއެވެ. ލިބުނީ ފިރިހެންކުއްޖެކެވެ. އަދުހަމް ކިޔައި ދަރިފުޅަށް ނަން ދިނީމެވެ. ނުލިބިލިބުނު ދަރިފުޅު ބައިންދަން ކޮށްޓެއް ނުގަންނަމެވެ. ދަރިފުޅުގެ ކޮށްޓަކީ އަހަރުމެންގެ އުނގެވެ. ވީ ވަރަކުން މީހުންގެ ލޯތަކަށް ދަރިފުޅު ފަރުދާކުރީމެވެ. އެސްފީނާޖެހިދާނެތީއެވެ. ދަރިފުޅު ރުޔަނުދޭން އަހަރުމެންނަށް ކުރެވުނު ހުރިހައި ކަމެއް ކުރީމެވެ. ބޮޑުވަމުން އައިއިރު، ދަރިފުޅަށް މަނާ ކަމެއް ނޯންނާނެއެވެ. ބޭނުން އެއްޗެއް ހޯދައިދިނީމެވެ. އަހަރުމެންގެ ދަރިފުޅާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް އަޑުއަހާކަށް އަހަރުމެންގެ ކަންފަތެއް ނުހޭނުނެވެ. އެއްބަޔަކަށް އެއީ ކަނުލޯތްބެވެ. އަހަރުމެންނަށް އެއީ ފޮނި ލޯތްބެވެ.

ރަށުން ކިޔަވައި ނިމުމުން އަދުހަމް މާލެ ގެނައީމެވެ. އެންމެ ރަނގަޅު އިސްކޫލަށް ވެއްދީމެވެ. އަހަރުމެންގެ ހުވަފެނުގައި ކުލަޖައްސަމުން އަދުހަމް މަތީ ވަނަތައް ހާސިލުކުރިއެވެ. ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރުން ކިޔަވާނެ ފުރުޞަތު ވެސް ހޯދިއެވެ. އޭރު އަދުހަމްގެ ކާމިޔާބާ މެދު ޙަސަދަވެރިވާ މީހުން ވަރަށް ގިނައެވެ. ފާޑުފާޑުގެ ވާހަކަތައް ފަތުރަން މަސައްކަތް ކުރިއެވެ. އަހަރެންނާއި ފިރިމީހާގެ ނިންމުން ވަރަށް ސާފެވެ. ދަރިފުޅުގެ ބަސް އެއީ ފަހު ބަހެވެ. ރާއްޖެއިން ކިޔަވައި ނިންމައިފައި އަދުހަމް އިޚުތިޔާރުކުރީ ޑޮކްޓަރުކަމެވެ. ސިންގަޕޫރަށް ވެސް ދެވެން އޮތެވެ. ދަރިފުޅު ދިޔައީ މެލޭޝިޔާއަށެވެ. މަންޒަރު ބަދަލުވީ އެ ހިސާބުންނެވެ.

ދަރިފުޅު މަސްތުވާން ބޭނުންވި ސަބަބެއް އަހަންނަކަށް ނޭނގެއެވެ. މެލޭޝިޔާއަށް ދިޔަތާ އަހަރު ނުވަނީސް ދަރިފުޅު ގެއްލުނީއެވެ. އަހަންނަކަށް ނުގުޅައެވެ. އަހަރެން ގުޅިޔަސް ފޯނެއް ނުނަގައެވެ. ރެޔާއިދުވާލު އެތައް ކޯލެއް އަހަރެން ކުރަމެވެ. ދެން އޮތް ގޮތަކީ ފުލުހުންނަށް ގުޅުމެވެ. ޙަޤީޤަތް އެނގޭއިރު އަހަރެން ރަށުތެރެއަށް ބަދުނާމުވާނެއެވެ. އޭގެ ކުރިން އަހަރެންގެ ފުރާނަ ގެންދެވިޔަސް މާ ރަނގަޅެވެ.

އެކި މީސްމީހުންނަށް ގުޅައިފައި އޮތުމުން އަހަންނަށް ބޭބެގެ މެސެޖެއް ލިބުނެވެ. ދަރިފުޅު ދެކެން ބޭނުމިއްޔާ ތިލަފުށްޓަށް އައުމަށް ބޭބެ އެދުނެވެ. މެލޭޝިޔާއަށް ކިޔަވަން ފޮނުވި ކުއްޖަކު ތިލަފުށްޓަށް އައީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް ބޭބެއަކަށް ނޭނގެއެވެ. ވަގުތުން ތިލަފުށްޓަށް ދިޔައީމެވެ. އަހަރެން ގޮވައިގެން ބޭބެ ދިޔައީ ފަޅުގެޔަކަށެވެ. ދަރިފުޅު އޮތީ އެ ގޭގެ ތަޅުންގަނޑުމައްޗަށް ދެމިފައެވެ. ހޭވެރިކަމެއް ނެތެވެ. ކައިރީގައި ހުރި ކުޑަ ޑަބިޔަލެއް މަތީގައާއި ތަޅުންގަނޑުމަތީގައި ކުދިކުދި ޕަކެޓުތަކެއް ހުއްޓެވެ. އޭގައި ހުރީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. އަހަރެން ބޭނުންވީ ދަރިފުޅު ރަނގަޅު ކުރާށެވެ. ހިތްދަތި، އުދަނގޫ ނިންމުމެކެވެ. ވަރަށް ގިނައިރު ވިސްނުމަށް ފަހު ފުލުހުންނަށް ގުޅީމެވެ. ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި ފުލުހުން އައިސް އަދުހަމް ގެންދިޔައެވެ.

އެ ހާދިސާގެ ފަހުން އަހަރެންދެކެ ދަރިފުޅު ވަރަށް ރުޅިއާދެއެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީތީއެވެ. ރުޅިއަޔަސް ނުވަތަ ހިތާމަކުރިޔަސް އެ ހުރިހައިކަމެއް ވެސް ކުރަންވީ އަހަރެން ނޫނީ ދެން ކާކު ހެއްޔެވެ؟ ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން ގެންގުޅުނު ދަރިފުޅު ކިޔަވަން މެލޭޝިޔާއަށް ފޮނުވައިފައި ދެން ފެނުނީ ފަޅު ގެއެއްގެ ތަޅުންގަނޑުމައްޗަށް ދެމިފައި އޮއްވައެވެ. ކުޑަމިނުން އެހެންވާން ދިމާވި ސަބަބު ވެސް ނުބުންޏެވެ. އެ ކަމާ ބެހޭ ސުވާލެއް އަހާއިރަށް އަންނަނީ ރުޅިއެވެ. އަހަރެން ދިޔައީ ރަށަށެވެ. އަހަރެން އިން ފުލައިޓު ޖައްސައި އެ އިން މީހުން ފައިބައި ހުސްވިއިރު ވެސް އަހަންނަށް އިނދެވުނީއެވެ. ހަޔާތާ މެދު ފިކުރު ކުރާށެވެ. ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅަކީ އެތަކެއް ފަރުވާއަކާއި، ދުޢާއަކާއި، ޞަދަޤާތެއްގެ ނަތީޖާއެވެ. އަދުހަމް ލިބުނުއިރު އަހަރެންގެ ފިރިމީހާ ވެސް ދުނިޔޭގައި ހުއްޓެވެ. އެކަމަކު އޭރު ފިރިމީހާގެ ކިޑުނީއަށް ދިމާވި މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ. ބަލިހާލު ބޮޑުވިތާ މާ ގިނަ ދުވަހެއް ނުވެ ނިޔާވީއެވެ. ދޫކޮށްފައި ދިޔައީ ރަށުގައި ހުރި ފިރިމީހާގެ ފިހާރައާއި، ހަދައިފައި ހުރި ގެއެވެ. ގިނަ އަދަދެއްގެ ފައިސާ ވެސް ހުއްޓެވެ. އެ ފައިސާގެ ބޮޑު ބައި އަހަރެން ޚަރަދުކުރީ ދަރިފުޅަށް ކިޔަވައިދިނުމަށެވެ. ފިހާރަ ކުއްޔަށް ދިނީއެވެ. ރަނގަޅު އާމްދަނީއެއް ލިބުނެވެ. ނުލިބުނީ ހިތްހަމަޖެހުމެވެ. އަމާން ދިރިއުޅުމެކެވެ. ދަރިފުޅު ހުރީ ޖަލުގައެވެ.

ސަރުކާރުން ދިން މާފެއްގެ ދަށުން އަދުހަމް މިނިވަންވިއެވެ. އޭނަ ރަށަށް އައީ އަންހެންކުއްޖަކު ގޮވައިގެންނެވެ. އަހަންނަށް އެނގެނީ އޭނަގެ ނަމަކީ އާމިރާކަމެވެ. އޭނަ ބަނޑުބޮޑެވެ. އާމިރާއަކީ އަދުހަމްގެ އަނބިމީހާތޯ އެތައް ފަހަރަކު އެހީމެވެ. އާނއެކޭ ބުނެއެވެ. އެކަމަކު އަހަންނަށް ގަބޫލުކުރެވޭ ކަހަލަ ރާގަކު ނޫނެވެ. ރަށަށް އައިތާ ދެވަނަ ދުވަހު އިރުއެރިއިރު އަދުހަމެއް ނެތެވެ. ދެން ލިބުނީ ފޯނުކޯލެކެވެ. އަހަންނަށް ނާންގާ ކުއްލިއަކަށް އަދުހަމް ފުރަންޖެހުނީ ދިމާވި "މުހިންމު ކަމެއްގެ" ސަބަބުންނެވެ. އެއީ ކޮން ކަމެއްކަން ބުނެއެއް ނުދެވުނެވެ. އެ ދުވަހުގެ ފުލައިޓަކަށް ލައިފައި އާމިރާ މާލެ ފޮނުވުމަށް ވެސް އަދުހަމް އެދުނެވެ.

"އާމިރާ އޭނީ ވިހަންވެފައޭ ދަރިފުޅާ!" އަހަރެން ބުނީމެވެ. "ވިހެއިމަ ފޮނުވޭނީ."

އަހަރެންގެ ޖަވާބު އަދުހަމަކަށް ކަމަކުނުދިޔައެވެ ރުޅިއައިސްގެން ފޯނު ކަނޑައިލި ގޮތަކަށް ދެނެއް ނުގުޅައެވެ. އާމިރާ ވިހަންވެގެން ބަލައިލިއިރު ކައިވެނީގެ ސެޓުފިކެޓެއް ނެތެވެ. އައިޑީކާޑު އޮތީ މުއްދަތު ހަމަވެފައެވެ. އެ ކާޑު ހިފައިގެން އާމިރާ ދަތުރުކުރީ ކިހިނެއް ހެއްޔެވެ؟ އާމިރާއަކަށް ނޭނގެއެވެ. ކައިވެނީގެ ސެޓުފިކެޓު އަދުހަމް އަތުގައި އޮންނާނެ ކަމަށް ވެއެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. މާލޭގައި ހުރި ރައްޓެއްސަކާ ގުޅައިގެން ބެލިއިރު އެ ކައިވެނި ކޯޓުގައި ރަޖިސްޓަރީވެފައެއް ނެތެވެ. އަހަންނަށް ރޮވޭ ގޮތް ވިއެވެ. ހިތަށްއެރިއެވެ. އާމިރާ ވިހަން އުޅެނީ އަހަރެންގެ މާމަދަރިއެއްބާއެވެ؟

އާމިރާ ވިހެއީ އަންހެންކުއްޖެކެވެ. ދަރިފުޅު ވިހެއިއްސުރެ އާމިރާގެ ލޮލުން ކަރުނައެއް ނުހިކެއެވެ. އަދުހަމް ދެކޭހިތްވާތީއެވެ. އަދުހަމްގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއެވެ. ރަށުގައި ހުރެގެން އަދުހަމް ހޯދަން ކުރި ހުރިހައި މަސައްކަތެއް ވީ ބޭކާރެވެ. އަހަރުމެން އިންތިޒާރު ކުރީމެވެ. އަދުހަމް ގުޅާނެކަމަށް ހީކުރީމެވެ. އެ ދުވަހެއް ނައެވެ.

ދަތުރުކުރެވޭ ވަރު ވުމުން ދެމައިން ގޮވައިގެން އަހަރެން މާލެދިޔައީމެވެ. އޭރު މާރާމާރީގެ މައްސަލައެއްގައި އަދުހަމް ހުރީ ޖަލުގައެވެ. އޭނަ ހަމަލަދިން ކުއްޖާ މަރުވީއެވެ. އަދުހަމް މިނިވަން ވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ކުޑަ ދަރިފުޅާއި އާމިރާ އަދިވެސް ހުރީ އަހަރެންގެ ބެލުމުގެދަށުގައެވެ. ކުއްޖާގެ އުމުރުން މިހާރު ހަތް މަސް ވަނީއެވެ. އަހަރެންގެ ދަރިފުޅުގެ މޫނުގައި ހުރި ބައެއް ސިފަތައް އެ ކުއްޖާގެ މޫނުގައި ވެސް ހުރިހެން ހީވެއެވެ. އެއް ކަމެއް ޔަގީނެވެ. އާމިރާއަށް ވުރެ ބޮޑަށް ދަރިފުޅު ގާތީ އަހަންނާއެވެ. އަހަރެންގެ އިނގިލީގައި ހިފައިފިއްޔާ ފަސޭހައިން ދުލެއް ނުކުރެއެވެ. ކިތަންމެ ބާރަށް ރުޔަސް އަހަރެން އުރާލާއިރަށް އޭނަ ހުއްޓައިލައެވެ. އަހަރެން ބަލަން ހުރެއްޖެއްޔާ އޭނަގެ ބޮޑު ދެ ލޮލުން އަހަންނަށް ބަލަހައްޓައިގެން ހިނިއައިސްފައި އޮވެއެވެ. އެ މާސޫމު ދެ ލޮލުން ލޯބީގެ ތަރިތައް ފިޔަޖަހާ ކަހަލައެވެ. އަހަރެންގެ ދަރިފުޅަށް ޓަކައި އަހަރެން ދުށް ހުރިހައި ހުވަފެނެއް ބިލާހަކަށްވެ ނިމިއްޖެއެވެ. ހިތްދަތިކަމާއި މާޔޫސްކަމުގެ ރަޖާލައިގެން އެނދުގައި އަހަރެން އޮށޯތަނުދީ ހިފެހެއްޓި ހަމައެކަނި ބާރަކީ ތުއްތު ކުއްޖަކު ދިން ލޯތްބެވެ. ބަހުރުވައެއް ނެތް އިޝާރާތްތަކެވެ. މާނައިން ފުރިގެންވީ ޚަރަކާތްތަކެވެ. ޙަޤީޤަތް ހާމަވާއިރު އޭނައަކީ ދުރުހިލޭ ކުއްޖަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް، އަހަރެން ބަނޑުއަޅައި ވިހޭ ދަރިފުޅުގެ ފަރާތުން އަހަންނަށް ނުލިބުނު ހިތްވަރު، އެ ކުއްޖާގެ ހިމޭން ބަހުރުވައިން އަހަންނަށް ލިބެމުންދިޔައެވެ. ކިހާ ދުވަހަކަށްބާއެވެ؟ އެ ސުވާލަށް ޖަވާބުދޭނީ ވަގުތެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ