12 ޑިސެމްބަރ 2017 - 20:45

ވަޅޯމަސް މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކާއި ބޮޑުތަކުރުފާނުމަގުގައި ބަހައްޓާފައިވާ ގާޑިޔާތައް ވެސް ހުސްކުރަން މިމަހުގެ 28ގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމަށްވެފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި އެތަންތަން ކުއްޔަށް ދޫކުރުމުގެ އުސޫލް އެކުލަވާލުމަށް ފަހު މިދިޔަ އޭޕްރީލް 26 ގައި އިއުލާންކޮށްފައިވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ހިފަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ޖޫން 12 ގައި އިއުލާންކުރި ކަމަށާއި ކުއްޔަށް ހިފަން ބޭނުންވި ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށް ދިން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އެތަނުން ބުނި ގޮތުގައި އެ ފުރުސަތުގައި 4،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހެޅިއެވެ.
އެ މިނިސްޓްރީން ކަނޑައެޅި އުސޫލްގައިވާ ގޮތުން އެތަނުގެ ގޮޅިތައް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ އެއް އަހަރު ދުވަހެވެ.
މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ހުސްކުރަން އެންގުމުން، އެ ތަންތަން ހިންގާ މީހުން އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެ މީހުން ބުނަނީ ތަން ހުސްކުރަން އެންގީ ކުއްލިއަކަށް ކަމަށެވެ.