12 ޑިސެމްބަރ 2017 - 15:35

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕީއެސްއެމް ގުޅިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ބާއްވާ ދިވެހި ފިލްމު އެވޯޑްސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެ ކުންފުންޏާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ. ދިރާގުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ އަލީ ރިޔާޒެވެ.
އެންސީއޭ އިން ބުނީ އެވޯޑް ހަފުލާ ޕްރޮމޯޓްކޮށް މާކެޓް ކުރުމުގެ ކަންކަމުގައި ދިރާގާ އެކު އެއްބަސްވުމަކަށް އާދެވުމުން އެ ކުންފުނިން 200،000ރ. ގެ ސްޕޮންސައެއް ވެސް ދޭނެ ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ ދިވެހި ފިލްމް އެވޯޑްސް ހާއްސަކޮށްފައި ވަނީ 2014-2016 އަށް ރިލީޒްވި ފީޗާ ފިލްމުތަކާއި މިދިޔަ އަހަރު އެވޯޑަށް ހުށަހެޅި ނަމަވެސް، އެވޯޑް ދީފައި ނުވާ ކުރު ފިލްމުތަކަށެވެ.
އެގޮތުން ފީޗާ ފިލްމު ކެޓަގަރީގައި ޖުމްލަ 17 ފިލްމު ވާދަކުރާ އިރު، ކުރު ފިލްމުތަކުގެ ބައިން ހުށަހެޅީ ހަތް ފިލްމެވެ.
މި ފަހަރު ވާދަކުރަނީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރާނީ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝަމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، 4426، ވީ ބޭވަފާ އަދި ބައިވެރިޔާ އެވެ.
އެވޯޑްސްގައި ވާދަކުރާ ކުރު ފިލްމުތަކަކީ ވޫޑޫ، ކަޝްފް، ފަރިހިބެ 3، ފަރިހިބެ 4، ސިޔާސީ ކޯޅުން، ސިޔާސީ ވެކްސިން، 13 އަށް ވިސްނާ 2000 އެވެ.
ދިވެހި އެވޯޑްސްއަށް ހުށަހެޅި ފިލްމުތަކުގެ ނޮމިނޭޝަންތައް މިރޭ އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.