ޗައިނާއިން ގެންނަ މުދަލުގެ ފެންވަރު ބަލަން ލެބެއް ހަދަނީ
ޗައިނާއިން ގެންނަ މުދަލުގެ ފެންވަރު ބަލަން ލެބެއް ހަދަނީ

ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގާއިމުކުރުމުން ޗައިނާއިން ރާއްޖެއަށް ގެންނަ މުދަލުގެ ފެންވަރު ބެލުމަށް ލެބެއް ހަދަން އެއްބަސްވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާ ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި، ޗައިނާ އިން ވަނީ ރާއްޖޭގައި "ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ ލެބެއް" ގާއިމުކުރުމަށް އެއްބަސްވެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާހުގައި ބުނެފައި ވަނީ މިނިވަން ވިޔަފާރީގެ މަޝްވަރާތަކާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޓެސްޓްތައް ހެދޭނެ ނެޝަނަލް ޓެސްޓިން ލެބޯޓަރީއެއް ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ ސަރުކާރަށް މިއަހަރު ހުށަހެޅި ކަމަށެވެ. އަދި އެފަދަ ޓެސްޓިން ލެބެއް ގާއިމުކޮށްދިނުމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާއިން ގެންނަ މުދަލުގެ ތެރެއިން ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ކެމިކަލް އެކުލެވޭ ބާވަތްތަކާއި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ފެންވަރު އެ ލެބް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ.