ބަތަލާއިންގެ ހިތްތައް އަތުލި ދިިލިޕް ކުމާރު
ބަތަލާއިންގެ ހިތްތައް އަތުލި ދިިލިޕް ކުމާރު

ދިލިޕް ކުމާރަކީ ބޮލީވުޑްގެ "ޓްރެޖެޑީ ކިންގް" އެވެ. މި ނަން ދެވުނީ އޭނާ ކުޅެފައިވާ ލޯބީގެ ފިލްމުތަކުގެ ތެރެއިން ނަދިޔާ ކޭ ޕާރް، މޭލާ، އަންދާޒް، އާރްޒޫ، ދާގް އަދި މަދޫމަތީގެ ވެސް ނިމުން ހިތާމަވެރިކަމުންނެވެ. "ޓްރެޖެޑީ ކިންގް"ގެ ލަގަބަކީ ހަމައެކަނި އޭނާގެ ހައްގެއްކަން ޔަގީންވީ 1955 ގައި ނުކުތް "ދޭވްދާސް" އަށް ފަހުގަ އެވެ. މިއަދާ ޖެހެންދެން ވެސް މިލަގަބު އޮތީ ދިލިޕް ކުމާރަށެވެ. އޭނާއަށް ނޫން އެހެން މީހަކަށް މި ލަގަބު ނުދެވެނީ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ހިތާމަވެރި ރޯލުތަކުން މީހުން ރޮއްވާލާތީ އެވެ.

ބަތަލާއިންގެ ހިތްތައް އަތުލި ދިިލިޕް ކުމާރު
ބަތަލާއިންގެ ހިތްތައް އަތުލި ދިިލިޕް ކުމާރު

އުމުރުން 95 އަހަރު ވެފައިވާ ދިލިޕް ކުމާރަކީ މިހާރު ވަރަށް ބަލި މީހެއް ނަމަވެސް އޭނާގެ ރަން ޒަމާނުގައި އެއީ ބަތަލާއިންގެ ހިތްތަކުގައި ރަސްކަން ކުރި މީހެކެެވެ. ދިލިޕްއާ އެކު މަސައްކަތްކުރި އެއްވެސް ބަތަލާއެއް އޭނާގެ ރީތިކަމާއި ފުރިހަމަކަމުގެ ޖާދޫގައި ނުޖެހި ސަލާމަތްވެފައެއް ނުވެ އެވެ.

ދިލިޕް ކުމާރު ނުވަތަ އަސްލު ނަމުން ނަމަ ޔޫސުފް ޚާންގެ މިހާރުގެ އަނބިމީހާ ސާއިރާ ބާނޫ ވެސް ދިލިޕްގެ ޖާދޫގައި ޖެހުނީ އޭނާގެ ރީތިކަމުން ކަމަށް ވެދާނެ އެވެ. އޭރު ސާއިރާގެ އުމުރުން އެންމެ 12 އަހަރެވެ.

ދިލިޕް ކުމާރާ ހެދި މޮޔަވެގެން އުޅެންފެށީ ސާއިރާ އެވެ. އެ ދުވަސްވަރަކީ ދިލިޕް އެންމެ ލޯބިވި އަދި އޭނާއާ އެކު ގިނަ ފިލްމުތަކެއް ކުޅުނު ބަތަލާ މަދޫބާލާ މަރުވުމުގެ ހިތާމައިގައި އުޅުނު ދުވަސްވަރެވެ. އެހެން ނޫނަސް ސާއިރާއާ ރައްޓެހިވާ ވަރަށް ވުރެ އޭނާ މާ ހަގުކަމަށް އޭޭރު ދިލިޕަށް ގަބޫލު ކުރެވުނެވެ. އަދި ސާއިރާއާ އެކު ފިލްމު ކުޅެން ވެސް އޭނާ އިންކާރު ކުރި އެވެ. ނަމަވެސް އެންމެ ފަހުން ކައިވެންޏާ ހަމަޔަށް ދިޔައީ އެވެ. ސާއިރާ އާއި ދިލިޕް ކައިވެނި ކުރީ 1966 ގައި ދިލިޕްގެ އުމުރުން 44 އަހަރު އަދި ސާއިރާގެ އުމުރުން 22 އަހަރުގަ އެވެ.

ކައިވެންޏަށް ދުވަސްތަކެއް ފަހުން ހައިދަރުއާބާދުގެ އަސްމާ ކިޔާ އަންހެންކުއްޖަކަށް ދިލިޕްގެ ހިތް ދެވި އޭނާއާ ކައިވެނިކުރަން ބޭނުންވެގެން 1979 ގައި ދިލިޕް ވަނީ ސާއިރާ ވަރިކޮށް އަސްމާއާ ކައިވެނި ކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް ތިން އަހަރު ފަހުން އަސްމާ ވަރިކޮށްލާފައި ގޮސް އަނެއްކާ ވެސް ޝާއިރާއާ ކައިވެނި ކުރީ އެވެ.

ދިލިޕްގެ ހިތް އެންމެ ފުރަތަމަ ދެވުނީ 1948 ގައި އޭނާއާ އެކު "ޝަހީދު" ކިޔާ ފިލްމެއްގެ ބަތަލާއަކަށް އުޅުނު ކާމިނީ ކައުޝަލް އަށެވެ. ކާމިނީ ދެކެ އޭނާ ވާ ލޯބި ދިލިޕް ވަނީ ނޫސްވެރިންނަށް ވެސް ހާމަކޮށްފަ އެވެ. ނަމަވެސް ކާމިނީ އެ ވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް ދިލިޕާ ބައްދަލުވިއިރު ވެސް ކާމިނީ އޮތީ އޭނާގެ ދައްތަ މަރުވުމުން ދައްތަގެ ދެ ދަރިން ބަލައިދޭން ވައުދުވެފަ އެވެ. އެހެންވެ ކާމިނީ ދައްތަ ކައިވެނިކޮށްގެން އުޅުނު މީހާއާ ކާމިނީ ކައިވެނިކޮށް ދިލިޕް އާ އޮތް ހުރިހާ ގުޅުމެއް ކަނޑާލީ އެވެ.

އެހާ ހިސާބުން ދިލިޕްގެ ހަޔާތަށް މަދޫބާލާ އައެެވެ. މަދޫބާލާގެ ރީތިކަމުގެ ވާހަކައަކީ މުޅި ދުނިޔެއަށް މަޝްހޫރު ވާހަކައެކެވެ. އެހެންވެ އޭނާއާ ކައިވެނިކުރަން އޭރު ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ތިބި ހުރިހާ އެކްޓަރުން ވެސް ތިބީ ބޭނުންވެފަ އެވެ. ނަމަވެސް އެ ހުރިހާ މީހުންގެ އާދޭސްތައް އަޑުނާހާ މަދޫބާލާގެ ހިތް ދިނީ ދިލިޕް އަށެވެ.

ނަމަވެސް ދިލިޕް އާއި މަދޫބާލާގެ ބައްޕައާ މައްސަލަތަކެއް ޖެހި ކައިވެނި ކުރެވޭގޮތެއް ނުވި އެވެ. އެންމެފަހުން ދިލިޕް އެހެން މީހަކާ ކައިވެނި ކުރުމުން މަދޫބާލާ ކައިވެނިކުރީ ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރާ އެވެ. ކިޝޯރާ އެކު މަދޫބާލާ ހޭދަކުރީ އުފާވެރި ދުވަސްތަކެއް ނޫނެވެ. ވަރަށް ޒުވާން އުމުރުގައި އޭނާ މަރުވީ ދިލިޕް ވަކިވުމުގެ ހިތާމައިގައި ދިމާވި ޑިޕްރެޝަންގެ މައްސަލަތަކަކާއި ހިތުގެ މައްސަލަތަކެއްގެ ސަބަބުން ކަމަށް ކިޔައި އުޅެ އެވެ.

ވިޖެންތިމާލާ އަކީ ވެސް ދިލިޕްގެ ލޯބީގެ ލިސްޓުގައި ހިމެނޭ ބަތަލާ އެކެވެ. މި ދެ އެކްޓަރު އެކުގައި ހަ ފިލްމު ކުޅެފައިވެ އެވެ.

މިހާރު ދިލިޕް ކުމާރާއި ސާއިރާގެ ކައިވެންޏަށް 51 އަހަރު ފުރިއްޖެ އެވެ. ނަމަވެސް މި ދެ މީހުންނަކަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.