12 ޑިސެމްބަރ 2017 - 11:26

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ހުސައިން ސިނާން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފި އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިނާން މަގާމުން ވަކިކުރީ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފައިވާ ސާކިއުލާއަކަށް ރިއާޔަތްކޮށްފަ އެވެ. ސިނާން ރަސްމީކޮށް އެ ވަޒީފާއިން ވަކިކުރީ މިދިޔަ މަހު ކަމަށް ވިޔަސް އޭނާ ވަކިކުރާނެ ކަން އަންގައި، މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އޭނާއަށް އޮތީ ނޯޓިސް ދީފަ އެވެ.
ސިނާންގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ޓްރައިބިއުނަލުން ނިންމީ، ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުންގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭއިރު، ސިނާނަކީ އެފަދަ މަގާމެއްގައި ހުރި މީހަކަށް ވާތީ އެވެ.
ޓްރައިބިއުނަލްގެ ތިން މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޕާމަނަންޓް ސެކްރެޓަރީންނަކީ މިނިސްޓަރުގެ ލަފާގެމަތިން އަމަލު ކުރަންޖެހޭ މީހަކަށް ވާއިރު އެއީ ކޮންމެ އޮފީހެއްގެ ވެސް ކަންކަން ހިންގުމުގެ ޒިންމާދާރުވެރިޔާ ކަމަށެވެ. އަދި މަގާމުގެ ދަރަޖައިގެ ގޮތުން ބަލާއިރު ޕާމަނަންޓް ސެކްރެޓަރީންނަކީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެއް ކަމަށާއި އެހެންވެ، ސިނާނަކީ ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ނިންމުމުގައިވެ އެވެ.
ވަޒީފާއާބެހޭ ގާނޫނު އޮންނަ ގޮތުން ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލޭނެ މައްސަލަތަކެއް ނޫނެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ އޮފީހެއްގެ ވެސް ސިވިލް ސާވިސްގެ އެންމެ އިސް ވެރިޔާ އެވެ. ސިވިލް ސާވިސް ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގެ ދަށުން، ޕާމަނަންޓް ސެކްރެޓަރީންނަކީ އައްޔަން ކުރަން ޖެހޭނީ އެ މިނިސްޓްރީއެއް ހިންގަވާ މިނިސްޓަރުގެ ލަފާގެ މަތިންނެވެ،