12 ޑިސެމްބަރ 2017 - 12:22

ޕެރިސް (ޑިސެމްބަރު 12) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ކުޅެން ޖެހުމަކީ ޕީއެސްޖީގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރުން ކެޓީ ރަނގަޅު ލީޑެއްގައި އޮއްވައި ބާސެލޯނާ އިން ވައްދާލި ލަނޑުތަކާ އެކު އެވެ. އެއީ ޕީއެސްޖީގެ ތާރީހުގައި އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި އެ ކްލަބަށް ކުޅުނު ގިނަ ކުޅުންތެރިން ސިފަކުރެ އެވެ.
"މިއީ އަހަރެމެންނަށް ނާކާމިޔާބު ޑްރޯ (ގުރުއަތުލުމެއް) އެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ޕީއެސްޖީ އޮތީ ރެއާލާ ވާދަކުރެވޭނެ ލެވެލެއްގައި. މިއީ އަހަރެމެންގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް،" ރެއާލާ ކުޅެން ޖެހުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް އެމެރީ ޖަވާބުދިނެވެ.
އޭނާ ބުނީ ބޮޑު ކާމިޔާބެއް ހޯދަން ބޭނުންނަމަ ޖެހޭނީ އެންމެ މޮޅު ޓީމުތައް ބަލިކުރަން ކަމަށެވެ.
"މިއީ މުޅި ދުނިޔޭގެ ގިނަ ބަޔަކު ބަލާނެ މެޗެއް. ޕީއެސްޖީން ބޭނުންވަނީ ބޮޑު ކާމިޔާބީތަކެއް. އެކަން ހާސިލްކުރެވޭނީ އެ އިރެއްގައި އޮންނަ އެންމެ ވަރުގަދަ ޓީމުތައް ބަލިކޮށްގެން،" ކުރިން ސެވިއްޔާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
ފްރާންސްގެ އުއްމީދީ ތަރި ކީލިއަން އެމްބާޕޭގެ އިތުރުން ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ އިން ނޭމާ ގަތުމަށް ފަހު ޕީއެސްޖީ ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އެ ޓީމުން ވަނީ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް ވެސް ގެނެސްފަ އެވެ.
ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅޭ މެޗު އަންނަ ހޮނިހިރު ދުވަހު އޮއްވައި ނޭމާ ވަނީ އަމިއްލަ ސަބަބަކާ ހުރެ އެނބުރި ބްރެޒިލަށް ގޮސްފަ އެވެ. އެމެރީ ބުނީ ނޭމާ އަށް ޗުއްޓީއެއް ދޭން ނިންމީ އޭނާގެ އާއިލީ ކަމެއްގެ ސަބަބުން ކަމަށެވެ.
"ނޭމާ އެނބުރި ގައުމަށް ދާން ހުއްދަ ދީފިން. ނޭމާ އަހަރެން ގާތުގައި ބުނީ ގައުމަށްދާން ބޭނުންވާ ވާހަކަ އާއިލީ މައްސަލައެއް ހައްލުކުރަން. އެއީ އޭނާ އަށް މުހިއްމު ކަމެއް. ފުރަތަމަ ކޮންމެ މީހަކަށް ވެސް އެންމެ މުހއިްމުވާނީ އާއިލާ،" އެމެރީ ބުންޏެވެ.
އޭނާ ބުނީ ހަތަރު ދުވަހުގެ ތެރޭގައި ނޭމާ އަލުން ޓީމާ ގުޅޭނެ ކަމަށެވެ.