12 ޑިސެމްބަރ 2017 - 15:45

ބޭންކިންއާ ބެހޭ މައުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޗައިނާ ބޭންކިން ރެގިއުލޭޓަރީ ކޮމިޝަން (ސީބީއާރްސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. ސީބީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ގުއޯ ޝުކިންގް އެވެ.
މަރުކަޒީ ބޭންކުން ބުނީ ކްރޮސް ބޯޑާ ބޭންކިންގް ސްޕަވައިޒަރީ ދާއިރާއިން ދެފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރި އެ އެމްއޯޔޫގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޗައިނާގެ ބޭންކަކުން ރާއްޖޭގައި ބޭންކިންގެ ވިޔަފާރިކުރުމަށް ނުވަތަ ރާއްޖޭގެ ބޭންކަކުން ޗައިނާގައި ވިޔަފާރިކުރުމަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މަރުހަލާގައި ދެ ފަރާތުން މައުލޫމާތު ބަދަލުކުރުން ކަމަށެވެ. އެގޮތުން ދެ އިދާރާގެ ދެމެދުގައި މައުލޫމާތު ބަދަލުކޮށް ލައިންސަންސް ދިނުމުގެ މަރުހަލާ ފަސޭހަކުރުމުގެ ކަންކަން ކުރުމާއި އެއް ގައުމުގެ ބޭންކެއް އަނެއް ގައުމެއްގައި ގާއިމުކޮށްފި ނަމަ ސުޕަވިޝަން ހަރުދަނާކުރުމަށް މައުލޫމާތު ބަދަލުކުރެވޭނެ މިންވަރާއި އުސޫލްތަކާއި މައުލޫމާތު ބަދަލުކުރެވޭނެ ގޮތުގެ ތަފުސީލް ހިމެނެ އެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ މިދިޔަ ހަފުތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީޖިންޕިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.