އިންސާފެއް ނެތި އިންސާނީ ހައްގު ކަށަވަރެއް ނުވާނެ: ރޮޒެއިނާ
އިންސާފެއް ނެތި އިންސާނީ ހައްގު ކަށަވަރެއް ނުވާނެ: ރޮޒެއިނާ

ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް ދެވޭނީ އިންސާފު އޮވެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ނުކުޅެދުމުގެ ސަބަބުން ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އިންސާނީ ހައްގުތައް ހޯދުމަށް ކޯޓުތައް އިންސާފުވެރިވުމަށާއި ސަރުކާރު ޒިންމާދާރުވުމަށް އޭނާ ގޮވައިލެއްވި އެވެ.

"ވަޒީފާގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެއްވީމަ އިންސާފު ލިބޭނީ. އިންސާނީ ހައްގުތައް ލިބޭނީ،" ފަނޑިޔާރުންނާއި ސަރުކާރާއި މުއައްސަސާތަކުގެ ވެރިންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ރާއްޖޭން ފަޚުރުވެރިވުން ހައްގު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ދިރިހުރުމުގެ ހައްގުން މަހްރޫމްވެފައިވާ ކަމަށެވެ. އަދި މިއީ ކޮން ތާކުން ހޯދި ފަހުރުވެރި ކާމިޔާބީތަކެއްތޯ ރޮޒެއިނާ ސުވާލުކުރެއްވި އެވެ.

"މަގުމައްޗަށް ނުކުމެފިނަމަ، ކޮންމެވެސް މީހަކު ކަތިލާފައި ދިޔައީމަ ބަލާނެ މީހަކު ނެތް. އަޅާލާނެ މީހަކު ނެތް. ވީނުވީއެއް ހޯދޭނެ ގޮތެއް ނެތް. އެކަމަކު މިތިބީ ފަހުރުވެރިވާންވެފައި،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާގެ ވާހަކައިގައި ވަނީ ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެ، ބައެއް މިސާލުތައް ދައްކަވައިފަ އެވެ. އަދި އެތައް ބަޔަކު، ހުކުމަކާ ނުލައި ޖަލުގައި އެތައް ދުވަހެއް ވަންދެން އަދިވެސް އެބަތިބި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި މިއަދު ދެ މިލިއަން ރުފިޔާ އަތުގައި ބާއްވައިގެން ނޫނީ "އަނގަ ހުޅުވޭކަށް" ނެތެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް އެތައް މަޖުބޫރުކުރުންތަކެއް ކުރިމަތިކުރުވާ ކަމަށް ވިދާޅުވި އެވެ.

މަގުމަތީގައި އެއްވުންތައް ނުބޭއްވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެމްޑީޕީ ހަރުގޭގައި ޖަލްސާ ނުބޭއްވޭ ހާލަތަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި ޖަލްސާއެއް ބާއްވައިފިނަމަ، "ހެދިކާކޮޅު ހިފައިގެން" ފުލުހުން ފިލަނީ އެވެ.

ފޮރިން މިިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ތައުލީމު ފޯރުކޮށްދިނުމުގައި ރާއްޖެ ވަނީ އެހެން ގައުމުތަކާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. އަދި ރާއްޖެ ވަނީ މި ހައްގުތައް އިތުރަށް ހިމާޔަތްކޮށް ހައްގުތައް ކުރިއެރުވުމަށް ބާރު ލިބޭނެ ގާނޫނުތަކެއް ފާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނީ ރައްޔިތުން ގުރުބާނީތަކެއްވެގެން ހޯދި ހައްގުތައް މުށުތެރެ އަށް ލައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރައްޔިތުން ބިކަކޮށްފައިވާ ކަމަށެވެ.