ރައީސް ޓްރަމްޕް، މާސްއަށް އިންސާނުން ފޮނުވުމުގެ ރޭހަށް
ރައީސް ޓްރަމްޕް، މާސްއަށް އިންސާނުން ފޮނުވުމުގެ ރޭހަށް

އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަށް އަދި އޭގެ ފަހުން މާސް އަށް ފޮނުވުމުގެ މަސައްކަތް ކުރުމުގެ ހުއްދަ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.

ނާސާގެ ވަގުތީ އެޓްމިނިސްޓްރޭޓަރު ރޮބަޓް އެމް. ލައިޓްފޫޓް ޖޫނިއާ އަށް އެމެރިކާގެ ރައީސް އެ ހުއްދަ ދެއްވީ، "އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަށް އަދި އޭގެ ފަހުން މާސްއަށް ފޮނުވޭނެ ޖައްވީ ޕްރޮގްރާމެއްގައި އިސްނެގުމަށެ"ވެ.

ކުރިން އެސްޓްރޮނޯޓުންގެ ގޮތުގައި މަަސައްކަތްކުރި މީހުންނާއި ނައިބު ރައީސް މައިކް ޕެންސްއާ އެކު ހުންނަވައި ދެއްކެވި ވާހަކާގައި ޓްރަމްޕް ވިދާޅުވީ ހަނދާއި މާސްގެ އިތުރުން "އެހެން ދުނިޔެތަކަށް ވެސް ޒިޔާރަތްކުރެވޭނެ" ޕްރޮގްރާމަކަށް ބިންގާ އަޅަން ޖެހޭ ކަމަށެވެ.

"މިއަދު އަޅުގަނޑު މި ސޮއިކުރާ އެންގުމަކީ ޖައްވާ ބެހޭ ގޮތުން އިންސާނުންގެެ އާ ހޯދުންތަކާއި ދެނެގަތަމުގެ ދާއިރާގައި އެމެރިކާއިން އަލުން ނަޒަރު ހިންގަން ފެށުން،" ޓްރަމްޕް ވިދާޅުވި އެވެ.

"މިއީ 1972ގެ ފަހުން އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަން ފޮނުވަން އެޅޭ މުހިންމު ފިޔަވަޅެއް އަދި އެއީ ޖައްވީ ހޯދުންތަކުގައި ދިގު މުއްދަތެއްގެ މަސައްކަތް."

އޭނާ ވިދާޅުވި ގޮތުގައި މިފަހަރު އެމެރިކާ އިިން ހަމައެކަނި ބަލާނީ ތަނެއްގައި ދިދަ ޖަހާފައިި، އެމެރިކާގެ ފިޔަވަޅު ދޫކޮށްލާކަށް ނޫނެވެ.

ހަނދުގައި އެމެރިކާގެ ދިދަ އާއި އެސްޓްރޮނޯޓުންގެ ފިޔަވަޅުތައް އަދިވެސް އެގޮތަށް އެބަ ހުއްޓެވެ. އޭގެ އިތުރުން އެސްޓްރޮނޯޓުން ބޭނުންކުރި ބައެއް ސާމާނުތައް ވެސް ވަނީ ހަނދަށް ދޫކޮށްލާފަ އެވެ. އެއީ އެމެރިކާގެ ޖައްވީ ހޯދުމުގެ މުހިންމު ނިޝާންތަކެކެވެ.

ހަނދަށާއި އޭގެ ފަހުން އެހެން ޕްލެނެޓަކަށް އިންސާނުން ފޮނުވުމުގެ މަސައްކަތް ފެށުމުގެ ހުއްދަ ޓްރަމްޕް ދެއްވީ، ވައިޓް ހައުސް އިން ބުނި ގޮތުގައި، ނެޝަނަލް ސްޕޭސް ކައުންސިލްގެ ހުށަހަޅުންތަކަށް ފަހު އެވެ.

"ޖައްވީ ކަންކަން ހޯދުމާއި އެ އިންޑްސްޓްރީގައި އެމެރިކާގެ ދައުރު، ރައީސް ޓްރަމްޕްގެ މި އިސްނެގުމުގެ ތެރެއިން ބޮޑުވާނެ،" ވައިޓް ހައުސްގެ ތަަރުޖަމާނަކު ވިދާޅުވި އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ކޮންގްރެސްގެ މެމްބަރެއް ކަމަށްވާ ޖިމް ބާޑެސްޓައިންގެ ނަން ޓްރަމްޕް ވަނީ ކޮންގްރެސް އަށް ފޮނުއްވައިފަ އެވެ. އެކަމަކު އޭނާގެ ނަން އަަދި ފާހެއް ނުކުރެ އެވެ.

ހަނދަށާއި މާސް ޕްލެނެޓަށް އިންސާނުން ފޮނުވޭނެ ފަދަ ޖައްވީ ޕްރޮގްރާމެއް ފެށުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގައި ދެއްކެވި ވާހަކައެކެވެ.

އެމެރިކާ އިން 1960ގެ އަހަރުތަކުގެ ފަހުކޮޅާއި 1970ގެ އަހަރުތަކުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އެޕޯލޯ މަޝްރޫއުގައި ހަނދަށް އިންސާނުން ފޮނުވީ، އޭރުގެ ރޫސީ ވިލާތާއި އެމެރިކާއާ ދެމެދު ފެށި ޖައްވީ ރޭހުގެ ބަައެއްގެ ގޮތުގަ އެވެ. އެމެރިކާ ނޫން އެހެން ގައުމަކަށް އެފަދަ ކުރިއެރުމެއް އަދި ހޯދިފަައެއް ނުވެ އެވެ.