12 ޑިސެމްބަރ 2017 - 06:58

މިސްރުގައި ނިއުކްލިއާ އިންޖީނުގެއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިސްރު ސަރުކާރާއި ރަޝިޔާ ސަރުކާރާ ދެމެދު އިއްޔެ ސޮއިކޮށްްފި އެވެ.
މިސްރުގެ ކަރަންޓު ވިއުގަ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިނާ ކުރުމަށް ހަމަޖެހިފައިވާ 4،800 މެގަވޮޓްގެ ނިއުކްލިއާ އިންޖީނުގެ ބިނާ ކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއިކުރީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓީން މިހާރު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގަ އެވެ. ޕުޓިން މިސްރަށް ވަޑައިގަތީ އިއްޔެ އެވެ.
ޕުޓިން ގާހިރާ އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އެވެ. އެއަށް ފަހު ރިއާސީ ގަނޑުވަރުގައި ދެ ގައުމުގެ ވެރިންގެ މަޝްވަރާތައް ބޭއްވުމަށް ފަހު ނޫސްވެރިންގެ ހާޒިރުގައި، ނިއުކްލިއާ އިންޖީނުގޭގެ އެއްބަސްވުމުގައި ސޮއިކުރީ ދެ ގައުމުގެ ކަމާ ގުޅޭ ދާއިރާގެ ވަޒީރުންނެވެ.
ދެ ގައުމުން ގާއިމުކުރި އެއްބަސްވުމުގެ ދަށުން ރަޝިޔާ އިން މިސްރަށް 25 ބިލިއަން ޑޮލަރުގެ ލޯނެއް ދޭނެ އެވެ. މި މަޝްރޫއުގެ ފުރިހަމަ ކޮށް 2022ގައި އަޖުބަ ބެލުމުގެ މަރުހަލާތައް ފެށުމަށް ވަނީ ރާވާފަ އެވެ.
ރަޝިޔާއާ ގުޅިގެން ނިއުކްލިއާ އިންޖީނުގެއެއް ބިނާ ކުރުމަށް 1980ގެ އަހަރުތަކުގައި ވެސް މިސްރުން މަޝްރޫއެއް ރޭވި އެވެ. ނަމަވެސް 1986 ވަނަ އަހަރު ރަޝިޔާގެ ޗަރްނަބީލް ނިއުކްލިއާ ރިއެކްޓަރު ގޮވި ހާދިސާއާ ގުޅިގެން އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން މިސްރު ސަރުކާރުން އަނެއްކާ ވެސް ވަނީ ނިއުކްލިއާ އިންޖީނުގޭގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފަ އެވެ.
މިސްރު ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެ މަޝްރޫއު ހޯދުމަށް އެތައް ގައުމަކުން މަސައްކަތް ކުރި އެވެ. ނަމަވެސް މިސްރުން އެންމެ ހިތްހަމަޖެހޭ ހުށަހެޅުމެއް ލިބުނީ ރަޝިޔާ އިން ކަމަށްވާތި ރަޝިޔާއާ އެކު އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ އެވެ.
ކަރަންޓު އުފެއްދުމަށްޓަކައި 1960ގެ އަހަރުތަކުގައި ނީލް ކޯރުގައި މިސްރުން ބިނާ ކުރި ހައި ޑޭމް މަޝްރޫއުގެ ބޮޑު ބައެއް ވެސް ފުރިހަމަ ކޮށްފައިވަނީ އޭރުގެ ސޯވިއެޓް ޔޫނިއަންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ.
މިސްރު ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އަލް އަރަބިއްޔާ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މިސްރުގެ ނިއުކްލިއާ އިންޖީނުގެ ބިނާކޮށް ނިމޭނީ ހަތް އަހަރުންނެވެ.