އަނުޝްކާ އާއި ވިރާޓު ކޯލީ ކައިވެނިކޮށްފި
އަނުޝްކާ އާއި ވިރާޓު ކޯލީ ކައިވެނިކޮށްފި

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މިއަދު ކައިވެނި ކޮށްފި އެވެ. ކައިވެނީގެ ރަސްމިއްޔާތު އޮތީ އިޓަލީގެ ރިސޯޓެއްގަ އެވެ.

ވިރާޓު އާއި އަނުޝްކާ ވަނީ އެ މީހުން ކައިވެނިކޮށްފިކަން ޓްވިޓާގައި އިއުލާނުކޮށްފަ އެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ ދެ ފަރާތުގެ އާއިލާގެ ވަރަށް ގާތް މީހުންނަށް އެކަންޏެވެ. ދެމަފިރިން އެނބުރި އިންޑިޔާއަށް ގޮސް ވަރުގަދަ ޕާޓީއެއް ބޮލީވުޑާއި ކްރިކެޓްގެ ތަރިންނަށް އަދި ގާތް މީހުންނަށް ދޭން ވަނީ ނިންމާފަ އެވެ.

މިދިޔަ ހަފުތާއިން ފެށިގެން މި ކައިވެނީގެ ޚަބަރުތައް އިންޑިޔާގެ ނޫސްތަކުގައި ވަރަށް ގިނައިން ލިޔަމުން ދިޔަ ނަމަވެސް ވިރާޓު އާއި އަނުޝްކާގެ ތަރުޖަމާނުން ބުނަމުން ދިޔައީ މިއީ ދޮގު ވާހަކައެއް ކަމަށެވެ. ނަމަވެސް އަނުޝްކާ އާއި އޭނާގެ އާއިލާ އަދި އެ އާއިލާގެ މީހުންގެ ކައިވެނިތައް ކުރުވާ މީހާ އިޓަލީއަށް ފުރަން އެއާޕޯޓުގައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ނޫސްތަކުގައި ޝާއިއުކުރުމުން މި ކައިވެނީގެ ވާހަކަތައް އިތުރަށް ގަދަވި އެވެ. އަދި ދިއްލީ މަގުން ވިރާޓު ވެސް އިޓަލީއަށް ފުރުމުން މި ކައިވެނި ކުރަން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށް ނޫސްތަކުން ދިޔައީ ބުނަމުންނެވެ.