10 ޖުލައި 2016 - 07:18

އެމެރިކާއަށް އުފަން އައިޑެންޓިކަލް ޓްވިންސް ނުވަތަ މުޅިން އެއް ވައްތަރުގެ އެއްމާބަނޑު ދެބެއިން އެއްދުވަހެއްގެ އެއްވަގުތެއްގައި ވިހައިފި އެވެ. މިދެބެއިން އެވަގުތު ތިބީ ޓައިމް ޒޯން ވަރަށް ތަފާތު ދެ ގައުމެއްގައި ނަމަވެސް ދެބެން ވިހެއީ ހަމަ އެއް ވަގުތެއްގަ އެވެ.
ސާރާ މާރިއޫޒް އާއި ލިއާ ރޮޖާޒް އާ ދެބެއިންގެ އުމުރަކީ 35 އަހަރެވެ. މި ދެ މީހުންނަށް ވެސް އަލަށް މި ލިބުނު ދަރިން އުފަންވީ މިދިޔަ ޖޫން މަހުގެ 30 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 1:18 މިނިޓްގަ އެވެ.
ލިއާ އަށް ލިބުނު ފިރިހެން ދަރިފުޅު ރީޑް ޖޯސަފް އުފަންވީ ޑެންވާ، ކޮލަރާޑޯގައި އެތަނުގެ ގަޑިން 1:18 މިނިޓްގަ އެވެ. އޭގެ ގަޑިއެއްގެ އިރު ފަހުން ސާރާ އޭނާގެ އަންހެންދަރިފުޅު ސަމަންތާ ލީން ވިހެއީ ލާ ޖޯލާ، ކެލިފޯނިއާގައި ޕެސިފިކް ގަޑިން 1:18 ގަ އެވެ.
ޓުޑޭ އަދި ޕީޕަލްސް ނޫހުގައިވާ ގޮތުން މިއީ މި ދެބެއިން ރާވައިގެން ކުރި ކަމެއްކަމަށް ދެކެވޭ ވާހަކަތައް އެ މީހުން ދޮގުކުރެ އެވެ.
ސާރާ ބުނެފައިވާ ގޮތުގައި ބަލިވެ އިނީވެސް ދެބެއިން އެއްވެސް ވަރަކަށް ރާވައިގެންނެއް ނޫނެވެ. އަދި އެއް ވަގުތެއްގައި ވިހެއުމަށް ވެސް އެއްވެސް ރޭވުމެއް ނެތެވެ.
"އަހަރެމެންގެ ދެބެއިންގެ ހަޔާތަކީ މުޅީން އެއްގޮތް އެއްޗެއް. ވިހެއުންވެސް. އެއްމާބަނޑު ކުދިންނަކީ ވަރަށް ޚާއްސަ ގުޅުމެއް އުފެދިފައި ތިބޭ ބައެއް. އެ ގުޅުން ބުނެދޭކަށް ނޭނގޭނެ،" ސާރާ ބުންޏެވެ.
ސާރާ ބުނި ގޮތުގައި އެމީހުން އަބަދުވެސް ދިރިއުޅެނީ ވަކިންނެވެ. އަދި އެ މީހުންނާ އުމުރުގެ ގޮތުން ވަރަށް ކައިރީގައި އިތުރު ދެ ކުދިން ތިއްބަސް މި ދެ ކުދިންގެ އޮންނަނީ މާ ގާތް ގުޅުމެއް ކަމަށް ސާރާ ބުންޏެވެ.
މި ދެބެއިން ބަނޑުބޮޑުކަން އެނގުނީ މިދިޔަ އަހަރު އެ މީހުން އެކުގައި ފާހަގަކުރި ޚާއްސަ މުނާސަބަތެއްގަ އެވެ. އަދި އެ ދުވަހު އެމީހުންނަށް އެނގުނު ގޮތުގައި އެމީހުން ވިހާނެ ތާރީޚުގައި ވެސް ވަނީ އެންމެ ހަތަރު ދުވަހުގެ ތަފާތެކެވެ. ނަމަވެސް އިއްތިފާގުން އެއް ދުވަހަކު އެއް ވަގުތެއްގައި ވިހެއީ އެވެ.