11 ޑިސެމްބަރ 2017 - 20:07

ނިއު ޔޯކްގެ އެންމެ ކާރުބާރު ބޮޑު ބަސް ޓާމިނަލްގެ ތެރޭގައި، މީހަކު އަމިއްލަ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލައިގެން ހަމަލާއެއް ދީފި އެވެ.

ނިއު ޔޯކް އަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތުގައި މި ހަމަލާ ދިނީ ބަނގްލަދޭޝް އަށް އުފަން 27 އަހަރުގެ ފިރިހެނެއް ކަމަށް ލަފާ ކުރެވޭ ކަމަށް ނިއު ޔޯކްގެ ފުލުހުން ބުނެ އެވެ. ބްރޫކްލީންގައި ދިރިއުޅޭ އެ މީހާ ބަސް ޓާމިނަލްގެ ތެރޭގައި އުޅުނު އިރު، ކަރަންޓު ނަރުތަކަކާއި ފަސް ވަރަކަށް އިންޗި ދިގުމިނުގެ ދަގަނޑު ހޮޅިކޮޅެއްގައި ހަދާފައި އޮތް ބޮމަކާއި ބެޓެރީ ޕެކެއް އޭނާގެ މެދުހަށީގައި ބަނދެފައި ހުރި ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.
އޭނާ ލައިގެން ހުރި ޖެކެޓްގެ ކަނާތް ފަރާތުން އެތެރޭގައި ފޮރުވައިގެން ގެންގުޅުނު ގޮވާއެތިން ގޮވީ އެއް ބައެވެ. އެ ވަގުތު ފުލުހުން ވަނީ އޭނާ ހައްުޔަރުކޮށްފަ އެވެ.
ނިއު ޔޯކްގެ ފުލުހުންގެ ކުރީގެ ކޮމިޝަނަރު ބިލް ބްރެޓަން ވިދާޅުވެފައިވާ ގޮތުގައި އެ ހަމަލާ ދިން މީހާއަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތަކުން ހިތްވަރު ލިބިގެންފައިވާ މީހެކެވެ. އެމެރިކާގައި ދިރިއުޅޭތާ ހަތް އަހަރުވެފައިވާ އެ މީހާ އެ ހަމަލާ ދިނީ ގަސްދުގައި ކަމަށް ފުލުހުން ބުނެ އެވެ.
މި ހަމަލާގައި އެންމެ ބޮޑަށް ޒަޚަމްވީ ވެސް ހަމަލާ ދިން މީހާ އެވެ. އޭނާ އަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.
ތަހުގީގުކުރާ ޓީމުން ބުނި ގޮތުގައި ބޮން ގޮއްވައިލި މީހާ އެ ބޮން ހަދާފައިވަނީ އޭނާ މަސައްކަތް ކުރާ އިލްކްޓްރިކް ކުންފުނީގައި ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.