12 ޑިސެމްބަރ 2017 - 06:57

ކުވައިތުގެ ކެބިނެޓް މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެކުގައި އިސްތިއުފާ ދިނުމާ ގުޅިގެން، އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އާލް ސަބާހް އިއްޔެ އައު ކެބިނެޓެއް އެކުލަވާލައްވައި އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ކެބިނެޓް އެކުލަވައިލެއްވި އިރު، ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވީ ޝައިޚް ޖާބިރް މުބާރަކް އާލް ސަބާހް އެވެ. ބޮޑުވަޒީރުގެ ފުރަތަމަ ނާއިބުގެ މަގާމަށާއި ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަމީރުގެ ދޮށީ ދަރިކަލުން ޝައިޚް ނާސިރު ސަބާހް، 69، އެވެ.
މިއީ 2006 ވަނަ އަހަރުން ފެށިގެން ޝާހީ ދަރުބާރުގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނެވި ނާސިރަށް ކެބިނެޓްގެ މަގާމެއް ދެއްވި ފުރަތަމަ ފަހަރެވެ. ނާސިރަކީ ކުވައިތު ސަރުކާރުން ފަށާފައިވާ 100 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓް މަޝްރޫއު ކަމަށްވާ "ސިލްކް ސިޓީ" ކުރިއަށް ގެންދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތެވެ.
ކުވައިތުގެ ކެބިނެޓް އިސްތިއުފާ ދިނީ، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކެބިނެޓްގެ ވަޒީރުންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން، ސީނިއާ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.
ކެބިނެޓް އަލުން އެކުލަވައިލެއްވި އިރު، މުޅިން އަލަށް ބައެއް ބޭފުޅުން ކެބިނެޓްގައި ހިމަނުއްވާފައިވެ އެވެ. ޖުމްލަ 16 މެމްބަރުން ހިމެނޭ ކެބިނެޓްގެ ނުވަ މަގާމަކަށް އައްޔަން ކުރެއްވީ މީގެ ކުރިން ކެބިނެޓްގެ މަގާމެއް ފުރުއްވާފައި ނުވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ތެލާ ބެހޭ ވަޒީރާއި މާލީ ވަޒީރު ހިމެނެ އެވެ.
ކުވައިތުގެ ކެބިނެޓާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދުނީ، ސްޓޭޓް މިނިސްޓާ ފޯ ކެބިނެޓް އެފެއާޒް ޝައިޚް މުހައްމަދު އަބްދުﷲ ގާނޫނާ ޚިލާފަށް މާލީ އަދި އިދާރީ މުއާމަލާތްތައް ހިންގަވާ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް ތުހުމަތުކުރުމާ ގުޅިގެންނެވެ. އޭނާ އެ ކަމަށް އިންކާރު ކުރެއްވި ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މުޅި ކެބިނެޓް އެކުގައި އިސްތިއުފާ ދިނީ އެވެ.