11 ޑިސެމްބަރ 2017 - 16:04

ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ކުއްލި ދަތުރުފުޅެއްގައި ސީރިއަށް ވަޑައިގެން، އެ ގައުމުގައި ތިބި ރަޝިޔާ ސިފައިން އަނބުރާ ގެންދިއުމަށް އަމުރުކުރައްވައިފި އެވެ.
ޕުޓިން މިކަން އިއުލާނުކުރެއްވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރެއްވުމަށް ފަހު ރަޝިއާގެ އެއާ ބޭސްއަކަށް ވަޑައިިގެން، އެތަނުގަ އެވެ. ޕުޓިން މިދިޔަ އަހަރު ވެސް ވަނީ ސީރިއާ އިން ރަޝިޔާ ސިފައިން ބޭލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕުޓިންގެ މި ދަތުރުގައި ތުރުކީ އާއި މިސްރުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
"ރަޝިޔާ ސިފައިން އެ މީހުންގެ ދާއިމީ މަރުކަޒުތަކަށް ގެންދިއުމަށް ޑިފެންސް މިނިސްޓަރަށް އަންގައިފިން،" އިންޓަފެކްސް ނިއުސް އެޖެންސީން ބުންޏެވެ.
ޕުޓިން ވިދާޅުވީ ސީރިއާގެ ވަރަށް މުހިންމު ހިސާބުތަކުން ރަޝިޔާ ސިފައިން ބާލަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޓެރަރިސްޓުންގެ ހަރަކާތްތައް އަލުން ފެށިއްޖެ ނަމަ ރަޝިޔާ ސިފައިން އަނެއްކާވެސް ހަމަލާ ދޭނެ ކަމަށެވެ.
"ޓެރަރިޒަމާ ދެކޮޅު ހަނގުރާމާގައި ރަޝިޔާ އާއި ސީރިއާ އިން ގެއްލިގެން ދިޔަ މީހުންގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން،" ޕުޓިން ވިދާޅުވި އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމާގައި އެތައް ލައްކަ ބަޔަކު މަރުވެފައި ވާއިރު، އެތަނަށް އަތްގަދަކޮށްގެން އުޅުނު އައިއެސް ވަނީ ނިކަމެތިވެފަ އެވެ. އިރާގުން ވެސް ވަނީ އައިއެސްއާ ދެކޮޅު ހަނގުރާމަ ނިމިއްޖެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.