13 ޑިސެމްބަރ 2017 - 06:38

"ޕަދްމާވަތީ" އަކީ ދީޕިކާ ޕަދުކޯން ދުވަހަކު ވެސް ހަނދާން ނުނެތޭ ވަރުގެ ފިލްމަކަށް މިހާރު ވަނީ ވެފަ އެވެ. އޭނާ ކުޅެފައިވާ ރޯލާ މެދު ޖެހިގެން އުޅޭ މައްސަލަތަކުން އެކަންޏެއް ނޫނެވެ. އޭނާގެ ފުރާނައަށް އޮތް ނުރައްކަލުގެ ވެސް ބޮޑުކަމުންނެވެ.
ދީޕިކާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތައް ބައިވަރު ބޮޑީގާޑުންނެއް ދީޕިކާގެ ވަށައިގެން މިހާރުު ތިބެ އެވެ. މިކަމުން ދީޕިކާ އަށް ވަރަށް ތަކުލީފު އުފުލަން ވެސް ވަނީ ޖެހިފަ އެވެ. ސަބަބަކީ އަމިއްލަ މިނިވަންކަން ގެއްލިފައި ވާތީ އެވެ. ލޯބިވާ މީހުންނާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން މިހާރު ދީޕިކާ އަށް ވަރަށް އުނދަގުލެވެ. ސަބަބަކީ ފުލުހުންނާއި ސެކިއުރިޓީ ގާޑުން އޭނާ ހުންނަ ތަނެއްގައި ވަށައިގެން އުޅޭތީ އެވެ. އަދި ދީޕިކާގެ ފޭނުންނަށް ވެސް މިހާރު އޭނާއާ ކައިރިވުން މަނަލެވެ.
ދީޕިކާގެ އަމިއްލަ ބޮޑީގާޑުންނާއި އޭނާގެ ހިމާޔަތުގައި ތިބޭ ފުލުހުންނާ ދެމެދު ވެސް ބައެއް ފަހަރު ކުރިމަތިލުންތައް ހިނގަ އެވެ.
ދާދިފަހުން އޮތް އެވޯޑް ހަފުލާއަކަށް ވެސް ދީޕިކާ އަށް ވަދެ ނިކުންނަށް ޖެހުނީ ބަދިގެތެރޭން ލާފަ އެވެ. އެހެންނޫނީ ސެކިއުރިޓީއާ ހެދި އެވޯޑް ރަސްމިއްޔާތަށް ވެސް ހުރަސްތައް ކުރިމަތިވާނެތީ އެވެ. އެކުވެރިންނާ އެކު ދީޕިކާ ހުންނަ އިރުވެސް އޭނާގެ ވަށައިގެން ސެކިއުރިޓީންގެ ފަރުދާއެއް އޮވެ އެވެ.
މިހާ ގިނަ ސެކިއުރިޓީން ގޮވައިގެން ދީޕިކާ އުޅޭތާ މިހާރު ތިން ހަފުތާ ވެއްޖެ އެވެ. އެއާ އެކު އޭނާގެ ކެތްތެރިކަން ވެސް މިހާރު ވަނީ ކޮޅުންލާ ހިސާބަށް ގޮސްފަ އެވެ.
ދީޕިކާ މިދިޔަ ހަފުތާގައި ލަންޑަނަށް ކުރި ދަތުރެއްގައި ވެސް އޭނާގެ ވަށައިގެން ނުވަ ފުލުހުންނާއި ސެކިއުރިޓީ ގާޑުން ތިއްބެވެ. އަދި ދީޕިކާއާ ކައިރިވާން އަންނަ ކޮންމެ މީހަކު އަތް ނުފޯރާ ހިސާބަށް އެމީހުން ދުރުކުރަމުން ގެންދިޔަ އެވެ.
ދީޕިކާ އާއެކު އެއްވެސް އުނދަގުލެއް ނެތި ދަތުރުކޮށްލެވޭ މީހަކަށް މިހާރު ހުރީ އޭނާގެ މަންމަ އުޖާލާ އެވެ.
މުސްލިމް ރަސްކަލަކު ހިންދީންގެ ރާނީއެއްގެ ވާހަކަ ކިޔައިދޭ ފިލްމު ބިނާކޮށްފައި ވަނީ 16 ވަނަ ގަރުނުގެ މަޝްހޫރު ޅެމެއްގެ މައްޗަށެވެ. އެކަމަކު ފިލްމުގައި ދައްކާ ރާނީ ޕަދުމާވަތީ އަކީ ދުނިޔޭގައި އުޅުނު މީހެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ހިލްޖީ އަކީ އުޅުނު މީހެކެވެ. މި ވާހަކަ ފިލްމުގައި ގެނެސްދޭ ގޮތް ގޯސް ކަމަށް ބުނެ ހިންދޫން ވަނީ މުޒާހަރާކޮށް އިންޒާރުތައް ދެމުންނެވެ.