ކުރީގެ ބެންޗުން ފާރިސްގެ އިސްތިއުނާފް މައްސަލަ ނިންމައިދޭން ވަކީލުން އެދިއްޖެ
ކުރީގެ ބެންޗުން ފާރިސްގެ އިސްތިއުނާފް މައްސަލަ ނިންމައިދޭން ވަކީލުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފްގެ މައްސަލަ، ހައި ކޯޓުން ކުރިން ބެލި ބެންޗުން ބަލައި، ހުކުމް އިއްވައި ދިނުމަށް އޭނާގެ ވަކީލުން އެ ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި މައްސަލަ، ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލަ ހައި ކޯޓުން ބަލަމުން ދަނިކޮށް ،އެ މައްސަލަ ބަލާ ބެންޗަށް އެ ކޯޓުން ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ. އެ ބެންޗުގެ ރިޔާސަތުގައި ކުރިން އިންނެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާނު އެ ބެންޗަށް ވަނީ ހަމަޖައްސައިފަ އެވެ.

ބެންޗަށް ގެނައި އެ ބަދަލާ ގުޅިގެން ފާރިސްގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ވަކީލުންގެ ފަރާތުން މިއަދު ހައި ކޯޓުގައި އެދުނީ ކުރީގެ ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވައި ދިނުމަށެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީގައި ވަނީ ،އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުޖާއު އަކީ އައްޑޫ ދެކުނު ގޮފީގެ މަސައްކަތް ކުރައްވަނިކޮށް، ސުޕްރީމް ކޯޓުން ހަމަޖެއްސި ގޮތުން މަތިން، ތިން މަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ފަނޑިޔާރެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސުޕްރީމް ކޯޓުން ހަމަޖެއްސި އެ އުސޫލުގެ ދަށުން، ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރެއްވުމުގެ މުއްދަތު މި މަހުގެ ފަސް ވަނަ ދުވަހު ހަމަވެފައިވާ ކަމަށް އެ ސިޓީގައި ވެ އެވެ. އެހެންވެ، މިހާރު އެ މައްސަލަ ބަލަން ޖެހޭނީ ކުރިން އެ މައްސަލަ ބެލި ބެންޗުން ކަމަށާއި ކުރީގެ ބެންޗުން އެ މައްސަލަ ބަލައި، ގޮތެއް ނިންމައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.

"މި މައްސަލަތައް ބެއްލެވުމަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ފުރަތަމަ އެކުލަވާލެވުނު ބެންޗުން މައްސަލަތައް ބައްލަވައި، ނިންމެވުމަށްޓަކައި ފަނޑިޔާރުންގެ ބެންޗް އަލުން އެކުލަވާލައްވައިި، މި މައްސަލަތައް ނިންމަވައި ދެއްވުމަށް އެދި ދެންނެވީމެވެ،" ފާރިސްގެ ވަކީލުންގެ ސިޓީގައި ވެ އެވެ.

ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެެ ދެ ބޭފުޅުންނަކީ އެންމެ ފުރަތަމަ އެކުލަވާލި ބެންޗުގައި ވެސް ތިއްބެވި ދެ ފަނޑިޔާރުންނެވެ.

އެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނައުމުން ފާރިސްގެ ވަކީލުން އެކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އަންގާފައިވަނީ ފާރިސްގެ މައްސަލަ ހައި ކޯޓުން ނިންމާއިރު، ބެންޗަށް ގެނައި ބަދަލުގެ ސައްހަކަމާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ.

ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުުގައި މިހާރު ދަނީ ހިނގަމުންނެވެ.