ސްޕޯޓްސް ކޮމިޝަނަރު އިސްތިއުފާ ދެއްވައިފި
ސްޕޯޓްސް ކޮމިޝަނަރު އިސްތިއުފާ ދެއްވައިފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އަހުމަދު ނަޝީދު (ޑޭވް) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުނުވެ އޭނާ ފޭސްބުކުގައި ލިއުއްވާފައިވާ ގޮތުގައި މިއަދަކީ ރާއްޖޭގެ ތާރީހުގެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި އޭނާ ހުންނާނެ ފަހު ދުވަސް ކަމަށެވެ.

"މިއަދު އަޅުގަނޑު އިސްތިއުފާ ދީފިން،" ނަޝީދު ލިއުއްވާފައިވެ އެވެ. "ކޮމިޝަނަރުގެ ގޮތުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި ކުޅިވަރުގެ އެއްވެސް މީހަކަށް ގޯސްކޮށް ކަންތައްކުރެވިފައިވާ ނަމަ ނަމަ އެއީ އަހަރެން ގަސްދުގައިކޮށްފައިވާ ކަމެއް ކަމަށް ނުދެކެން އެދެން."

އޭނާ އިތުރަށް ލިއުއްވާފައިވާ ގޮތުގައި މި މަގާމާ އެކު އޭނާ ކުޅިވަރު މުޖުތަމައުގެ ތެރޭގައި ހޭދަކުރީ މުޅިން ތަފާތު އަދި އުފާވެރި ތަޖުރިބާއެއް ކަމަށެވެ.

ނަޝީދުގެ ދައުރުގައި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގައި އެހީތެރިވެދީ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ދިމާވި މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. އަދި ކްލަބްތަކާއި ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް އެ އޮފީހުގައި ރަޖިސްޓްރީވުމަށް ވެސް ހުޅުވާލި އެވެ.

ޓީސީ ޑޭވްގެ ނަމުން މަޝްހޫރުވެފައިވާ ނަޝީދު ފާހަގަކުރެވެނީ ޓީސީ ސްޕޯޓްސް ކްލަބުގެ މައި މުގުލުގެ ގޮތުގަ އެވެ. ބައިބަލާގައި މަޝްހޫރު ޓީސީ ފުޓްބޯޅައިގެ ފުރަތަމަ ޑިިވިޝަނަށް ޕްރޮމޯޓްވެ މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އޮތްއޮތުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އެ ޓީމުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.