އިމްރާންގެ ދަރިފުޅު ކެންސަރާ ކުރި ހަނގުރާމައިގެ ވާހަކަ
އިމްރާންގެ ދަރިފުޅު ކެންސަރާ ކުރި ހަނގުރާމައިގެ ވާހަކަ

އިމްރާން ހާޝިމީގެ ދަރިފުޅަށް ކެންސަރު ޖެހުމުން އެ ބަލީގައި ދަރިފުޅު އެޅި ވޭނާއި ދިން ފަރުވާތަކާ ގުޅޭ ގޮތުން އިމްރާންގެ ތަޖުރިބާ ފޮތެއްގެ ސިފައިގައި މިހާރުވަނީ ނެރެފަ އެވެ.

އެފޮތުގައި އިމްރާން ބުނެފައިވާ ގޮތުގައި ދަރިފުޅު ކެންސަރު ބައްޔާ ހަނގުރާމަކުރަމުން ދިޔައިރު އޭނާ އާއި އަންހެންނަށް އެމީހުންނަކީ ކުށްވެރިންކަމަށް އިހްސާސްކުރެވުނު ދުވަސްތަކެއް ވެސް ދިޔަ ކަމަށެވެ. އަދި ދަރިފުޅަށް މިކަން މި ދިމާވީ އެމީހުންނަށް ކުރެވުނު ކޮންފަދަ ކުށަކުންތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވުނުކަމަށް ވެސް އިމްރާން ލިޔެފައިވެ އެވެ.

ފެބްރުއަރީ 2010 ގައި އުފަންވި އަޔާން އަކީ އިމްރާން އާއި އަންހެނުން ޕަރްވީން ސަހާނީގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި 2014 ވަނަ އަހަރު އަޔާނަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ.

އޭގެ ފަހުން ފާއިތުވީ ދެ އަހަރެއްހާ ދުވަހު އަޔާން ބަރުދާސްތުކުރަމުން ދިޔަ ވޭނާއި އިމްރާނަށާއި އާއިލާއަށް އެކަމުން ކުރި އަސަރާއި އެމީހުންގެ ތަޖުރިބާ ފޮތެއްގައި ސިފައިގައި ނެރެން އޭނާ ބޭނުންވީ އެހެން މީހުންނަށް އިބުރަތަކަށެވެ. އަދި ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކަށް އެހެން މީހުން ހޭލުންތެރި ކުރުވުމަށެވެ.

"ދަ ކިސް އޮފް ލައިފް: ހައު އަ ސުޕަހީރޯ އެންޑް މައި ސަން ޑިފީޓަޑް ކެންސާ" ގެ ނަން ދީފައިވާ މި ފޮތުގައި އިމްރާންގެ ފިލްމީ ކެރިއަރު ފެށިގެން ކުރިޔަށް ދިޔަ ގޮތާއި، އާއިލީ ވާހަކަތައް، އަދި ދަރިފުޅު އުފަން ވުމާއި ދަރިފުޅަށް ކެންސަރު ޖެހި ފަރުވާ ކުރި ގޮތުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.
ބިލާލް ސިއްދީގީ އާއި އިމްރާން ލިޔެފައިވާ މި ފޮތް އިނގިރޭސި ބަހުގެ އިތުރުން ހިންދީ އަދި މަރާޓީ ބަހުން ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމްރާން ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ކެންސަރު ޖެހުމުގެ ކުރިން އެއްވެސް ކަހަލަ ނިޝާނެއް ނުފެނެ އެވެ. ހުން އައުން ނުވަތަ ގައިގެ އެއްވެސް ތަނަކަށް ތަދުވުން ފަދަ އެއްވެސް ކަމެއް ދިމަލެއް ނުވެ އެވެ.
އަޔާންގެ ކިޑްނީގެ ޓިއުމަރެއް ބޮޑުވަމުން އަޔަސް އިމްރާނާއި އޭނާގެ އަންހެނުން ހީކުރީ އަޔާން ތަންކޮޅެއް ފަލަވާތީ ބަނޑުވެސް ކުޑަކޮށް ފުފެނީ ކަމަށެވެ. އެމީހުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ އެހެންވެ އެވެ. ދަރިފުޅުގެ ބަނޑު ފުއްޕަނީ ޓިއުމަރެއް ބޮޑުވާތީކަން ނުވިސްނުނީމަ އެވެ.

ނަމަވެސް އިމްރާން ބުނެފައިވާ ގޮތުގައި ކެންސަރުގެ މައުލޫމާތު އެކުލެވޭ ފޮތްތައް ކިޔުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. ސަބަބަކީ އެފަދަ ކެންސަރުގެ ނިޝާންތައް ދެނެގަތުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫންކަން އެނގުމުންނެވެ.

އޮޕަރޭޝަންކޮށްގެން އަޔާންގެ ކިޑްނީގައިވާ ޓިއުމަރު ނަގައި ޓެސްޓް ކުރިއިރު ނަސީބަކުން ކެންސަރު ހުރީ ފުރަތަމަ ސްޓޭޖުގަ އެވެ. އެހެންކަމުން ކެންސަރުގެ ފަރުވާއިން އޭނާ މިހާރު ވަނީ މުޅިން ފަސޭހަވެފަ އެވެ.
ނަމަވެސް އެ ކުޑަ ކުޑަ ކުއްޖާ ކެންސާ ހަނގުރާމަކުރި ހިތްވަރުގަދަ ގޮތް އިމްރާންގެ ފޮތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެ އެވެ.