11 ޑިސެމްބަރ 2017 - 14:04

ވަޅޯމަސް މާރުކޭޓުގެ ގޮޅިތައް މިއަދުގެ ނިޔަލަށް ހުސްކުރަން، ހައުސިން މިނިސްޓްރީން އެންގުމަށް ފަހު ޝަކުވާ ބޮޑުވުމުން މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.
އެ ތަނުގައި ވިޔަފާރި ކުރާ މީހުންގެ ތެރެއިން "މިހާރު"އާ ވާހަކަ ދެއްކި އެންމެން ވެސް ބުނީ، އެ މީހުންގެ ގޮޅިތައް މިއަދުގެ 2:00ގެ ނިޔަލަށް ހުސްކުރަން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މީހުން ވިޔަފާރި ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ.
ނަމަވެސް ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް މިއަދު ވިދާޅުވީ ގޮޅިތައް ހުސް ކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރީ ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުއްލިއަކަށް ހުސްކުރަން ދަތިވާނެތީ ކަމަށެވެ.
ފަޒާލް ވިދާޅުވީ އެތަނުގެ ގޮޅިތައް ދޫކުރާނެ އުސޫލްތަކެއް މި އަހަރުގެ އޭޕްރިލް މަހު އާއްމުކޮށްފައިވާނެ ކަމަށެވެ. އަދި ގޮޅިތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާފައި ވަނީ މިދިޔަ ޖޫން މަހު އިއުލާންކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އިއުލާނާ ގުޅިގެން ކުރިމަތިލި މީހުންގެ ތެރޭގައި މިހާރު އެ ތަނުގައި ވިޔަފާރިކުރާ މީހުންނާއި އާ މީހުން ވެސް އުޅޭނެ. އެ ގޮޅިތައް ދޫކުރުމުގައި މިހާރު އެ ތަނުގައި އެކަން ކުރާ މީހުންނަށް އިސްކަންދީފައިވާނެ،" ފަޒާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮޅިތައް ދޫކުރުމުގައި ޕޮއިންޓް ދިން އިރު އެ ތަނުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ޕޮއިންޓް ލިބުނު މިންވަރު މަދުވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކަނޑައެޅި އުސޫލްގައިވާ ގޮތުން އެތަނުގެ ގޮޅިތައް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ އެއް އަހަރު ދުވަހެވެ.