އެފްރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ސަލާހަށް
އެފްރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ސަލާހަށް

ލަންޑަން (ޑިސެމްބަރު 12) - އިނގިރޭސި މީޑިއާ ބީބީސީ އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމް ލިވަޕޫލަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާހު ހޯދައިފި އެވެ.

އުމުރުން 25 އަހަރުގެ ސަލާހު މި އެވޯޑް ހާސިލްކުރީ އޭނާއާ އެ ކްލަބަށް ކުޅޭ ސެނެގޯލްގެ ސަޑިއޯ މާނޭ، ޑޯޓްމަންޑަށް ކުޅޭ ގެބޮންގެ ފޯވާޑް ޕިއޭ އެމެެރިކް އޮބާމަޔަންގް، އާރްބީ ލިޕްޒިގަށް ކުޅޭ ގިނީގެ ނަބީ ކެއިޓާ އަދި ޗެލްސީ އަށް ކުޅޭ ނައިޖީރިއާގެ ވިކްޓަ މޮސަސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

"މި އެވޯޑް ލިބުމުން އަހަރެން ވަރަށް އުފާވޭ. އަހަރެން ބޭނުންވަނީ މިސްރަށް އުފަންވީ އެންމެ މޮޅު ކުޅުންތެރިއާ އަށްވާން އެ މަސައްކަތް އަދިވެސް އަހަރެން މި ކުރަނީ. އަހަރެން ބޭނުންވަނީ އަހަރެން މި ކުރިއަށްދާ ގޮތަށް މިސްރުގެ އެހެން ކުޅުންތެރިން ވެސް ކުރިއަށްދާން،" ހަތާވީސް އަހަރަށް ފަހު މިސްރަށް ފީފާ ވޯލްޑް ކަޕުން ޖާގަހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ސަލާހު ބުންޏެވެ.

ސަލާހަކީ އެފްރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މިސްރަށް ނިސްބަތްވާ ތިން ވަނަ ކުޅުންތެރިއާ އެވެ.

މިދިޔަ ސީޒަނުގައި ރޯމާ އަށް 15 ގޯލު ޖަހައި 11 ލަނޑު ޖަހަން ސަލާހު އެހީތެރިވެދިންއިރު، ރޯމާ ލީގު ނިންމާލީ ދެ ވަނައިގަ އޮވެ އެވެ. މި ސީޒަނުގައި ސަލާހު ލިވަޕޫލާ ގުޅުނީ 35 މިލިއަން ޕައުންޑަށެވެ. ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ މިހާތަނަށް 18 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން 13 ގޯލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ގޯލުތަކެވެ. އެ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ސަލާހެވެ.

"ރޯމާ އާއި ލިވަޕޫލްގައި އަހަންނާ އެކު ކުޅުނު ހުރިހާ ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. އަދި މިސްރު ޓީމުގައި ވެސް އަހަންނާ އެކު ކުޅުންތެރިންނަށް ޝުކުރު އަދާކުރަން ބޭނުން،" ސަލާހު ބުންޏެވެ.

އެންމެ ފަހުން މި އެވޯޑް ހާސިލްކުރީ ލެސްޓާ ސިޓީ އަށް ކުޅޭ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް އެވެ.