12 ޑިސެމްބަރ 2017 - 06:51

މާ ކުޑަ އަގެއް ހުށަހެޅުމުން ވަރަށް ފަހުން ފިލްމެއް ދޫކޮށްލާފައިވާ ކަމަށާއި އެހާ ކުޑަ އަގެއް ހުށަހެޅުމަކީ އިހްތިރާމް ކުޑަކޮށްލުން ކަމަށް ސޯނަމް ކަޕޫރު ބުނެފި އެވެ.
ސޯނަމް ބުނި ގޮތުގައި ފިލްމެއް ކުޅެން އެދި އޭނާގެ ކައިރިއަށް އައި ޕްރޮޑިއުސަރަކު ކުޑަ އަގެއް ހުށަހެޅި ސަބަބެއް ކަމަށް ބުނީ އެހެން ތަރިއަކު ލައްވާ ކުޅުވި ފިލްމަކުން ބޮޑު ގެއްލުމެއް ވެފައި ވުމެވެ. "ނީރްޖާ"ގެ ބަތަލާ ބުނި ގޮތުގައި އިންޑަސްޓްރީގައި ކާމިޔާބުކަމާ އެކު 10 އަހަރު މަސައްކަތް ކޮށްފައިވާ އޭނާ ކަހަލަ ބަތަލާއަކާ ދޭތެރޭ މިގޮތަށް ކަންތައް ކުރެވިގެން ނުވާނެ އެވެ.
"އަހަރެން އެ ޕްރޮޑިއުސަރު ގާތު ބުނިން އެހެން ތަރިން ކުޅުނު ފިލްމުތައް ނާކާމިޔާބު ވުމަކީ އޭނާއަށް މަދުން ފައިސާ ދޭންޖެހޭ ސަބަބެއް ކަމަކަށް ނުދެކެމޭ. އަދި އެ މީހުން އެ ބުނާ އަގުގައި ފިލްމު ކުޅެދޭނެ ބަތަލާއަކާ ދިމާލަށް ދާށޭ ބުނިން،" ސޯނަމް ކިޔައިދިނެވެ.
ސޯނަމް އަކީ ފިލްމު އިންޑަސްޓްރީގައި ބަތަލާއިންނާއި ބަތަލުންނަށް ދޭ ފީގެ ތަފާތުކަމާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ބަތަލާ އެކެވެ. ސޯނަމް ބުނި ގޮތުގައި ވާދަވެރިކަން ބޮޑުވެގެން ގޮސް ބައެއް ފަހަރު އޭނާއަށް މަދުން ފައިސާ ދޭން ބުނާ ފިލްމުތައް ދޫކޮށްލާފައި ވެސް ހުންނާނެ އެވެ. އަދި އެހެން ބައެއް ބަތަލާއިން އެމީހުން ކިޔާ އަގަށް ވުރެ ދަށްކޮށް ފިލްމުތައް ކުޅެދިނަސް އޭނާ އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ސޯނަމް ބުންޏެވެ.