11 ޑިސެމްބަރ 2017 - 12:15

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން، މިދިޔަ ބުދަ ދުވަހު އިއުތިރާފްވުމާ ގުޅިގެން، އެކަމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައިވާ ދަނޑިވަޅެއްގައި މެދުއިރުމަތީގެ އިސްލާމީ ގައުމެއް ކަމަށްވާ ބަހްރައިންގެ ވަފްދެއް އިޒްރޭލު ސަރުކާރާ ގުޅިގެން ގުދުސަށް ޒިޔާޜަތް ކުރަމުންދާތީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި ބަހްރައިންގެ ވަފްދު އިޒްރޭލަށް ޒިޔާރަތް ކުރަނީ، ދޭދޭ ދީންތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރިން ރާވާފައިވާ ދަތުރެއްގެ ތެރެއިންނެވެ. އަދި މި ދަތުރުގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ ކަމަށް އިޒްރޭލުން ބުނެ އެވެ.
މި ޒިޔާރަތުގައި ބަހްރައިންގެ ޖަމިއްޔާއެއްގެ 24 މެމްބަރުން ބައިވެރިވެ އެވެ. އަދި މިއީ ވޭތުވެ ދިޔަ އަހަރުތަކުގައި ބަހްރަައިންގެ ވަފްދެއް މިހާ ފާޅުކަން ބޮޑު ގޮތެއްގައި އިޒްރޭލަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ. މި ވަފްދުގެ މެމްބަރުން އިޒްރޭލުގެ ތެރޭގައި ހިންގާ ހަރަކާތްތައް އިޒްރޭލުގެ ޓީވީތަކުން ދަނީ މުޅި ދުނިޔެއަށް ދައްކަމުންނެވެ.
ބަހްރައިންގެ ވަފްދު، މިދިޔަ ހޮނިހިރު ދުވަހު ވަނީ، އިޒްރޭލުގެ ޓީވީ ރިޕޯޓަރުންނާ އެކު އެވޭލާ ގުދުސަށް ޒިޔާރަތް ކޮށްފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި އެ ވަފްދުގެ މެމްބަރުން މަސްޖިދުލް އަގްސާ އަށް ވަންނަން ދިޔުމުން ފަލަސްތީނު މީހުން ވަނީ އެކަމަށް ހުރަސްއަޅައި އެ ވަފްދު އެ ތަނުން ފޮނުވާލައިފަ އެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުން އިސްރާއީލާ ދެކޮޅު ހަދަމުންދާ އިރު، މިފަހަކަށް އައިސް ބަހްރައިންގެ ސިޔާސަތު ފެނުނީ ތަފާތު ގޮތަކަށެވެ. އެ ގޮތުން، އަރަބި ގައުމުތަކުން އިޒްރޭލު ބޮއިކޮޓް ކުރާތީ އެކަމާ ދެކޮޅަށް ބަހްރައިންގެ ރަސްގެފާނު ހަމަދް ބިން އީސާ އާލް ޚަލީފާ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އިޒްރޭލުގެ ޔަހޫދީންގެ އިސް ދެ ފާދިރީއަކީ ރަސްގެފާނު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބަހްރައިންގެ ވެރިރަށް މަނާމާގައި ބައްދަލު ކުރައްވައިފަ އެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެ ގައުމުން ނިންމާފައިވާ ނިންމުމަށް، މިދިޔަ ބުދަ ދުވަހު އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނެރުއްވި ގަރާރުގެ ސަބަބުން މުޅި އިސްލާމީ ދުނިޔޭގައި ދަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ފެށިފައިވާ އިޒްރޭލާ ދެކޮޅު އިހުތިޖާޖުތައް މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ބައެއް ޒުވާނުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.