އާޖެންޓީނާ ކޯޗު އެދުމުން ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ؟
އާޖެންޓީނާ ކޯޗު އެދުމުން ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ؟

ބީނޯސް އޭރީޒް، އާޖެންޓީނާ (ޑިސެމްބަރު 11) - އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީގެ އެދުމަށް އެ ޓީމުގެ ކީޕަރު ސާޖިއޯ ރޮމޭރޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ އެއް ވަނަ ކީޕަރަކީ ސްޕެއިނުގެ ޑޭވިޑް ޑެހެއާ އެވެ. ރޮމޭރޯ އަށް ފުރުސަތު ލިބެނީ ޑެހެއާ އަނިޔާގައި ހުރެފިނަމަ ނޫނީ ކަޕް މެޗުތަކުގަ އެވެ. މި ސީޒަނުގައި މިހާތަނަށް ރޮމޭރޯ ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ.

ކްލަބްގައި ގަވާއިދުން ރޮމޭރޯ ނުކުޅުނު ނަމަވެސް ގައުމީ ޓީމުން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕުގެ ކުރިން ރޮމޭރޯ އަށް ކްލަބްގައި ގިނަ މެޗުތަކެއް ކުޅެން ނުލިބިއްޖެނަމަ އޭނާ އަށް ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުދޭން ސަމްޕައޮލީ ވަނީ ނިންމައިފަ އެވެ. އަދި ދާދި ފަހުން ސަމްޕައޮލީ ވަނީ ރޮމޭރޯ އަށް ވެސް އެކަން އަންގައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިނާއި އިޓަލީގެ ކްލަބްތަކުން އަންނަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ރޮމޭރޯ އަށް ބިޑްކުރަން ތައްޔާރުވަމުންނެވެ. މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 30 އަހަރުގެ ރޮމޭރޯ ވަނީ އޭނާ ޖެނުއަރީ އަށް ފަހު ޔުނައިޓެޑުން ފެނުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.

ފުރަތަމަ ފަހަރަށް ރޮމޭރޯ ޔޫރަޕް ކްލަބަކަށް ކުޅުނީ 2007 ވަނަ އަަހަރު ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރަށެވެ. އެ ޓީމުގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ދެން އޭނާ ބަދަލުވީ އިޓަލީގެ ސަމްޑޯރިއާ އަށެވެ. ސަމްޑޯރިއާގައި ހުރެ އެއް ސީޒަނުގައި ރޮމޭރޯ ވަނީ ލޯން އުސޫލުން ފްރާންސްގެ މޮނާކޯ އަށް ވެސް ކުޅެފަ އެވެ. އޭނާ ޔުނައިޓެޑަށް ގެނައީ 2015 ވަނަ އަހަރު ލުއީ ވެން ހާލްގެ ކޯޗުކަމުގަ އެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާ ކޮލިފައިވީ ފަހު ވަގުތު އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ލައްވާލީ ނައިޖީރިއާ، އައިސްލޭންޑް އަދި ކްރޮއޭޝިއާއާ އެކު ގްރޫޕް ޑީގަ އެވެ.