11 ޑިސެމްބަރ 2017 - 11:59

"ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ"ގެ ބަތަލާ ޒާއިރާ ވަސީމް ނިއު ދިއްލީން މުމްބައި އަށް ދަތުރުކުރި އެއާ ވިސްޓާރާ ފްލައިޓް ތެރޭގައި އޭނާއާ ބެހުނު މީހާ ހައްޔަރުކޮށްފި އެވެ.

އުމުރުން 17 އަހަރުގެ ޒާއިރާއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ވިކާސް ސަޗްދޭވާ، 39، އެވެ. އޭނާ ފްލައިޓްގައި ޒާއިރާގެ ފަހަތުގައި ހުރި ގޮނޑީގައި އިނދެގެން މޫނާއި ކަނދުރާއާ ހިސާބަށް ފައި ގެންގޮސް ކޭއްތި ކަމަށް ޒާއިރާ ވަނީ ބުނެފަ އެވެ. އަދި ޒާއިރާ އެހީއަށް އެދުމުން ކެބިން އެޓެންޑެންޓުން ވެސް އަޅާނުލި ކަމަށްވެ އެވެ.
ފާޑުކިޔުންތަކާ އެކު އެއާ ވިސްޓާރާ އިން ބަޔާނެއް ނެރެ މާފަށް އެދުނެވެ. މި ހާދިސާ ތަހުގީގުކޮށް ކުށްވެރިވާ މީހުންނަށް އަދަބު ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ޒާއިރާ ވަނީ އޭނާގެ ގަޔަށް ފައި ލައިގެން އިން މީހާގެ ފައިގެ ފޮޓޯއެއް ނަގައި އިންސްޓަގްރާމްކޮށްފަ އެވެ.
ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވެސް ދަނީ ޒާއިރާ އަށް ކުރިމަތިވި މި މައްސަލައިގައި ނުރުހުން ފާޅުކޮށް ޓުވީޓްތައް ކުރަމުންނެވެ.