ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކަށް ވާދައެއް ނުކުރެވޭނެ: ވެނެޒުއޭލާގެ ރައީސް
ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކަށް ވާދައެއް ނުކުރެވޭނެ: ވެނެޒުއޭލާގެ ރައީސް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެނެޒުއޭލާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީތަކަށް ވާދަކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި، މޭޔަރުންގެ އިންތިހާބު ބޮއިކޮޓްކޮށް، އިދިކޮޅު މައި ޕާޓީތަކުން ފާޑު ކިޔަމުން ދަނިކޮށެވެ. ރައީސް މަޑޫރޯ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ވާދަކުރި ޕާޓީތަކަށް އެކަނި ކަމަށެވެ.

ޖަސްޓިސް ފަސްޓް، ޕޮޕިއުލާ ވިލް އެންޑް ޑިމޮކްރަޓިކް އެކްޝަން ޕާޓީގެ ލީޑަރުން ވަނީ އިންތިހާބީ ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށް ބުނެ މޭޔަރުންގެ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ. ނަމަވެސް ރައީސް ވިދާޅުވީ ވެނެޒުއޭލާގައި ނިޒާމުގެ މައްސަލައެއް ނެތް ކަމަށާއި އިތުބާރު އެބަ އޮތް ކަމަށެވެ.

އާދީއްތަ ދުވަހު މަޑޫރޯ ވިދާޅުވީ އިދިކޮޅު ޕާޓީތައް "ސިޔާސީ ޗާޓުން ގެއްލިއްޖެ" ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ބޮއިކޮޓްކޮށްފި ނަމަ ޕާޓީތަކަށް ފުރުސަތު ނުލިބޭނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނަނީ ގާނޫނުގައި ހަދާ މަޖިލީހުގައި ރައީސްގެ ބާރު އޮތުމުން އިދިކޮޅު މީހުންގެ އަޑު ކަނޑުވާލައި ރައީސްގެ ބާރުތައް ގަދަކުރައްވަނީ ކަމަށެވެ.

މޭޔަރުން އިންތިހާބުކުރުމަށް 300 އަށް ވުރެ ގިނަ އަވަށާއި ސިޓީގައި ބޭއްވި އިންތިހާބު ބޮއިކޮޓް ކުރާނެކަން އިދިކޮޅު އެންމެ ބޮޑު ތިން ޕާޓީން ވަނީ އޮކްޓޫބަހު މަހު އިއުލާނުކޮށްފަ އެވެ. އެ ޕާޓީތަކުން ބުނީ އެ އިންތިހާބުގައި ވާދަކުރުމަކީ ރައީސް މަޑޫރޯގެ ހުދުމުހުތާރުކަން އިތުރަށް ވަރުގަދަކުރުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.

ވެނެޒުއޭލާގެ އިގްތިސާދު ވަރަށް ބޮޑަށް ގޯސްވެ މައްސަލަތައް ގިނަވެފައި ވިޔަސް ރައީސް މަޑޫރޯގެ ސޯޝަލިސްޓް ޕާޓީން އާދީއްތަ ދުވަހުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.