12 ޑިސެމްބަރ 2017 - 06:52

ބިގް ބޮސް 11ގެ އެންމެ ފަހުން ދެއްކި "ވީކްއެންޑް ކާ ވާރް" އެޕިސޯޑުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އަރްޝީ ޚާނަށެވެ. އަރްޝީގެ އެންމެ ގާތް އެކުވެރިޔާ ކަމަށް އޭނާ ދެކެމުން އައި ހިތެން ތޭޖްވާނީ ނޮމިނޭޝަންސްގައި ވަނީ އަރްޝީގެ ބަދަލުގައި ޝިލްޕާ ޝިންޑޭ ސަލާމަތްކުރަން ވޯޓު ދީފަ އެވެ. އަރްޝީ ނޫނަސް ޝޯގެ އެހެން ބައިވެރިންނަށް ވެސް މިކަމުން ބޮޑު ޝޮކެއް ލިބުނެވެ.
މިހާރު އަރްޝީ ހުރީ ބަދަލުހިފަން ފޫގަޅާފަ އެވެ. ބިގް ބޮސްގެ ހުރިހާ ބައިވެރިން ނަށުވަން އަރްޝީ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ކުރިޔަށް ދައްކަން ހުރި އެޕިސޯޑްތަކުގައި ބައިވެރިން ނޮމިނޭޓްކުރުމުގެ ފުރުސަތު އަރްޝީ އަށް ލިބޭނެ ކަމަށް ވެ އެވެ. ކެޕްޓަންކަން ލިބުމުން އަރްޝީ މި ހަފުތާގައި ވަނީ ސަލާމަތްވެފަ އެވެ. އެހެންވެ، ސަލާމަތްކުރާނީ ކޮންބައެއްތޯ ނޮމިނޭޓް ކުރުމުގެ ބާރު އަރްޝީ އަށް ލިބިގެންދާނެ އެވެ. އެހެންވެ ރައްޓެހިންނަށް ވެގެން އޭނާއަށް މަކަރު ހެދި ހުރިހާ އެކުވެރިންގެ ފަރާތުން ބަދަލު ހިފާނެ ފުރުސަތު އަރްޝީ އަށް ލިބޭނެ އެވެ.
ބައިވެރިން ދެ ޓީމަކަށް ބެހިގެން ދާތަން ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ބެލެވެ އެވެ. ޝިލްޕާގެ ޓީމަކާއި ހީނާގެ ޓީމެކެވެ. ޝިލްޕާގެ ޓީމުގައި ގިނައިން ތިބޭނީ އަރްޝީ އަށް މަކަރު ހެދި މީހުންނެެވެ. ޝޯގެ ޕްރިވިއުގައި ވެސް، އަރްޝީ އަށް ހުރިހާ ބާރެއް ލިބިފައިވާ ކަމަށް އޭނާ ބުނާތަން ފެނެ އެވެ. އަދި ޝިލްޕާގެ ޓީމުގެ ކޮންމެ މީހަކުވެސް އަމިއްލައަށް ގޮސް އޭނާގެ ކައިރީގައި ނޮމިނޭޓް ނުކުރަން އާދޭސް ކުރަން ޖެހޭނެ ކަމަށް ހީނާ ގާތު އަރްޝީ ބުނާތަން ވެސް ފެނެ އެވެ.
އަރްޝީ އަށް ޝިލްޕާގެ ޓީމު އެއްކޮށް ވެސް ނޮމިނޭޓް ކޮށްލުމުގެ ފުރުސަތު މިހަފުތާގައި ލިބޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މި ހަފުތާ ވަރަށް ފޯރިގަދަ ހަފުތާއަކަށް ވާނެ އެވެ.
ހިތެން ދެކެ އޭނާ ވީ ލޯބި އަނބުރާ ނުލިބުނު ކަމަށް އަރްޝީ ގަބޫލު ކުރެ އެވެ. އަދި ވިކާސް ވެސް ދުވަހަކު ވެސް އަރްޝީއާ އެއްކޮޅަށް ނުޖެހޭ ކަމަށާއި އޭނާއާ އެއްބައިވި ހަމައެކަނި މީހަކީ އާކާޝް ދަދްލާނީ ކަމަށް ވެސް އަރްޝީ ގަބޫލުކުރެ އެވެ. އެހެންކަމުން މިހާރު ބޮޑަށް ލަފާ ކުރެވެނީ މި ހަފުތާގައި ނޮމިނޭޓް ވާނީ ހިތެން އާއި ޝިލްޕާ އާއި ވިކާސް ކަމަށެވެ.
ސުވާލަކީ ނޮމިނޭޝަނުން ސަލާމަތް ވުމަށް ޝިލްޕާ އަށް އަރްޝީއާ އޭނާގެ މެދުގައި އޮތް ތަފާތުތައް ނައްތާލެވިދާނެ ބާއެވެ؟ އަދި އަރްޝީ އަށް އާދޭސްކޮށްގެން ނޮމިނޭޝަނުން ސަލާމަތް ވާން ޝިލްޕާ މަސައްކަތް ކޮށްފާނެ ބާއެވެ؟ ނޫނީ ނޮމިނޭޓް ކުރިޔަސް ހެޔޮކަމަށް އޭނާގެ ގޮތުގައި އޭނާ ހުންނާނީ ބާވަ އެވެ؟ ޔަގީންވާ ކަމަކީ އަރްޝީ އަކީ ވަރަށް ގޮތްދޫނުކުރާ އަދި އެހެންމީހުން ރުޅިއަރުވާލަން ވަރަށް ކުޅަދާނަ މީހެއް ކަމެވެ.