11 ޑިސެމްބަރ 2017 - 10:59

ތޫފާން އޮކްޝީގައި އިންޑިއާގެ ކެރެލާއިން މަރުވި މީހުންގެ އަދަދު އިއްޔެ 40 އަށް އަރައިފި އެވެ.
ތޫފާނުގައި ކަނޑުވެގެން ގެއްލުނު މީހުންނާއި ވީގޮތެއް އެނގިފައި ނުވާ މީހުން ހޯދުމުގެ މަސައްކަތަށް 10 ދުވަސް ވެފައި ވާއިރު އިއްޔެ ވަނީ ދެ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތުގައި އިންޑިއާ ސިފައިން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ގެއްލިފައިވާ މަސްވެރިން ހޯދުމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު ސްރީ ލަންކާ އާއި ދިވެހިރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ތޫފާނުގައި ކަނޑުވި މަސްވެރިންގެ ތެރެއިން 189 މީހަކު ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހޯދައި ގައުމަށް ގެންގޮސްފަ އެވެ. މަހަށް ނިކުމެ އުޅެނިކޮށް ވިއްސާރަޔާ އެކު ގެއްލުނު ގިނަ މަސްވެރިން ތިބީ މަލިކު ކަނޑުގެ ސަރަހައްދުގައި ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިއްޔެ ފެނުނު ދެ ހަށިގަނޑުގެ ތެރެއިން އެއް ހަށިގަނޑު ފެނުނީ މަލިކު ކައިރިންނެވެ. އަނެއް ހަށިގަނޑު ފެނުނީ ކެރެލާ ސްޓޭޓްގެ ކޯޗީ ކައިރިންނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ގެއްލިފައިވާ މަސްވެރިން ހޯދުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް މިހާތަނަށް ވަނީ 10،880 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ. މަސްވެރިން ހޯދުމުގެ މަސައްކަތުގައި ސިފައިންނަށް އެހެން މަސްވެރި އުޅަނދުތަކުގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ މަސްވެރިންގެ އެއްވެސް ބަޔަކު ނުފެނުނު ކަމަށެވެ.
ގިނަ އަދަދެއްގެ މަސްވެރިން އަދިވެސް ނުފެނި ވާތީ ކެރެލާގެ މަސްވެރި އަވަށްތަކުގައި އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި މަސްވެރިންނަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ތޫފާނު އަންނަ ކަމުގެ އިންޒާރު ދިނުމުގައި ސަރުކާރުން އިހުމާލުވުމުން ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.