ލީގު ހޯދުމުގެ ރޭސް ގާތްގަނޑަކަށް ނިމިއްޖެ: މޮރީނިއޯ
ލީގު ހޯދުމުގެ ރޭސް ގާތްގަނޑަކަށް ނިމިއްޖެ: މޮރީނިއޯ

މެންޗެސްޓާ (ޑިސެމްބަރު 11) – ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވުމާ އެކު ލީގު ކާމިޔާބުކުރުމުގެ އުއްމީދު ގާތްގަނޑަކަށް ގެއްލިއްޖެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ވަނީ 46 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. މި މޮޅާ އެކު ސިޓީ ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ، އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފަ އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ 43 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ 45 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑެވެ. ސިޓީ މޮޅުވީ 54 ވަނަ މިނެޓުގައި ނިކޮލަސް އޮޓަމެންޑީ ޖެހި ގޯލުންނެވެ.

މި މެޗުގެ 79 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އެންޑާ ހެރޭރާ އަތުން ބޯޅަ ހޯދަން ސިޓީގެ އޮޓަމެންޑީ މަސައްކަތްކުރަނިކޮށް ހެރޭރާ ވެއްޓުމުން ރެފްރީ ވަނީ ޑައިވްކުރި ކަމަށް ބަލައި އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެއީ ޕެނަލްޓީއެއް ކަމަށް މޮރީނިއޯ ގަބޫލުކުރާއިރު މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާ ފޯކަސްކުރީ އެކަމަށެވެ.

"އަހަރެން ފުރަތަމަ ވެސް ހިތަށް އެރީ، (ރެފްރީ) މައިކަލް އޮލިވާއާ މެދު އަހަރެން ހިތާމަކުރަމޭ، ސަބަބަކީ އޭނާ ވަރަށް ރަނގަޅަށް މެޗު ކުރަމުން އައިސް ބޮޑު ގޯހެއް ހަދާފައިވުމުން. މި ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީއެއް ލިބި އެ ނުދީ. އެހެން ނޫން ނަމަ 2-2 ވީސް،" މޮރީނިއޯ ބުންޏެވެ. "މައިކަލް ވަރަށް ބަދުނަސީބު ސަބަބަކީ އެއީ ސާފު ސީދާ ޕެނަލްޓީއެއް."

ލީގު ހޯދުމުގެ ރޭސް ނިމުނީތޯ އެހުމުން މޮރީނިއޯ ބުނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އޭނާ ބުނީ މެންޗެސްޓާ ސިޓީ އަކީ ވަރަށް ވަރުގަަދަ ޓީމެއް ކަމަށާއި އެ ޓީމު އޮތީ ނަސީބުގެ އެހީއާ އެކު ހިމާޔަތްވެފައި ކަމަށެވެ.

މެޗުގެ ކުރިން މޮރީނިއޯ ބުނީ ސިޓީގެ ކުޅުންތެރިން މާ އަވަހަށް ވެއްޓޭ ކަމަށެވެ.

ގާޑިއޯލާ ބުނީ މިދިޔަ ސީޒަނުގައި ވެސް ވީ މިހެން ކަމަށާއި ޔުނައިޓެޑުގެ ދަނޑުގައި މޮޅުވި ކަމަށާއި އެހިސާބުން ވެސް ދެއްކީ ރެފްރީ ވާހަކަ ކަމަށެވެ. އަދި މިއަދު ވެސް ކަންވީ އެހެން ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ އޭނާ ރެފްރީގެ ވާހަކަ ދެއްކި. އަހަރެމެންނަކީ ތެދުވެރި ޓީމެއް. އަހަރެމެން 65 ޕަސެންޓް ބޯޅަ ގެންއުޅުނިން. މާނައަކީ އަހަރެމެން ކުޅެން ބޭނުންވިޔޭ. އަހަރެމެން މިތަނަށް އައިސް އެކަން ކުރީ. އަހަރެމެންގެ ކުޅުންތެރިން މާ އަވަހަށް ވެއްޓެނީއޭ ބުނާ ބުނުމަކީ ތެދެއް ނޫން. އެއީ އަހަރެން ގަބޫލުކުރާ ވާހަކައެއް ނޫން،" ގާޑިއޯލާ ބުންޏެވެ.