11 ޑިސެމްބަރ 2017 - 06:09

ޖަޕާނު ކުންފުންޏަކުން، އެތަނުގެ މުވައްޒަފުންގެ ތެރެއިން ސިނގިރޭޓް ނުބޯ މީހުންނަށް އަހަރީ ޗުއްޓީއަށް އިތުރު ހަ ދުވަސް ދޭން ނިންމައިފި އެވެ.
މާކެޓިން ފާމެއް ކަމަށްވާ ޕިއާލާ އިން ބުނީ މިގޮތަށް އަމަލުކުރަން ނިންމީ ސިނގިރޭޓް ބޯ މީހުން، ސިނގިރޭޓް ބޯން ނަގާ ބްރޭކާ އެއްވަރަށް، އެހެން މުވައްޒަފުންނަށް ވެސް ވަގުތު ދޭން ކަމަށެވެ. ސިނގިރޭޓް ބޯން ހޭދަކުރާ ވަގުތާ ހެދި، ސިނގިރޭޓް ނުބޯ މީހުން ޝަކުވާކުރާ ކަމަށާއި އެހެންވެ މިއީ އެ ޝަކުވާއަށް ހައްލެއް ހޯދަން އެޅި ފިޔަވަޅެއް ކަމަށް ކުންފުނިން ބުންޏެވެ.
ކުންފުނީގެ ތަރުޖަމާނު ހިރޯޓަކާ މަޓްސުޝިމާ ވިދާޅުވީ ސެޕްޓެމްބަރު މަހުން ފެށިގެން މިގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފަކު މި އަހަރު ކުރީކޮޅު، ކުންފުނީގެ ޚިޔާލު ފޮއްޓަށް ލާފައިވާ ލިޔުމެއްގައި ބުނެފައި އޮންނަނީ ސިނގިރޭޓް ބޯން މީހުން ހޭދަކުރާ ވަގުތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި މައްސަލަޖެހޭ ކަމަށް،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޚިޔާލު ލިިބުމާ އެކު ކުންފުނީގެ ސީއީއޯ އަށް މިއީ ރަނގަޅު ޚިޔާލެއް ކަމަށް ފެނިވަޑައިގެން އެގޮތަށް ނިންމެވީ ކަމަށެވެ.
ކުންފުނީގެ އޮފީސް ހުންނަނީ އިމާރާތެއްގެ 29 ވަނަ ބުރީގައި ކަމަށާއި ސިނގިރޭޓެއް ބޯން 15 ވަރަކަށް މިނެޓް ހޭދަވާ ކަމަށްވެ އެވެ. އަދި މި އެޅި ފިޔަވަޅާ އެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މުވައްޒަފުންނަށް ހިތްވަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.