10 ޑިސެމްބަރ 2017 - 17:14

އަންނަ ސީޒަނުގެ ނިޔަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި މަޑުކުރަން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ނިންމައިފި އެވެ.
ފައިސަލް ނިއުގައި މަޑުކުރަން ނިންމިއިރު، އެ ޓީމުގައި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު ވެސް އެބަހުއްޓެވެ. އަދި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވެސް އަންނަ ސީޒަނުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ ފައިސަލް އަކީ ޓީމަށް ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި ފެންވަރު ރަނގަޅު ގިނަ ކީޕަރުން ތިބުމުގެ ފައިދާ ނިއު އަށް ބޮޑު ކަމަށް މީގެ ކުރިން ބުނެފަ އެވެ.
އޭވައިއެލް އިން ކެރިއަރު ފެށި ފައިސަލް ވަނީ މީގެ ކުރިން ވިކްޓަރީ އަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރި ވެލެންސިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިސަލް ނިއުއާ ގުޅުނީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ވެލެންސިއާ އަށް ޖާގަގެއްލުމުން، ޖޫން މަހުގެ ޓްރާންސްފާ މާކެޓްގަ އެވެ.
ނިއުއާ ގުޅުމަށް ފަހު ފައިސަލް ފުރަތަމަ މެޗުތަކުގައި ބެންޗުގައި އިން ނަމަވެސް އޭނާ ވަނީ ލިބޭ ފުރުސަތުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އިއްޔެ ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން ނިއު މޮޅުވިއިރު، ޓީސީން ފޮނުވާލި ދެ ޕެނަލްޓީއެއް ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭނާ ހޯދަން އެހެން ކްލަބްތަކުން ވެސް އައީ މަސައްކަތްކުރަމުންނެވެ.
ފައިސަލްގެ އިތުރުން ނިއު އިން ވަނީ އަކުރަމް އަބްދުލް ގަނީ (އަކޫ)، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަހުމަދު އަބްދުﷲ (ލިލީ)، ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ، ހަސަން އަދުހަމް (ސަޑޭ) އަދި ރިލްވާން ވަހީދު (ރިލޭ)ގެ ކޮންޓްރެކްޓް ވެސް އާ ކޮށްފަ އެވެ.
މީގެ އިތުރުން މި ސީޒަނުގެ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަންނަ އަހަރު އޭއެފްސީ ކަޕުގައި ވާދަކުރަން ނިއު އިން ތައްޔާރުވާއިރު، އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިންނާ މަޝްވަރާ ކުރަމުންނެވެ. ނިއު އަށް މި ސީޒަނުގައި ގެއްލުނީ އެސްޓީއޯ މާލޭ ލީގެވެ. އޭގެ ފަހުން ކުޅުނު ދެ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރީ ނިއު އިންނެވެ. އަދި ނިއު އިން ވަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.