10 ޖުލައި 2016 - 07:47

ސަލްމާން ޚާންގެ ދެ ކޮއްކޮ ކަމަށްވާ އަރްބާޒް ޚާނާއި ސުހައިލް ޚާންގެ ކައިވެނީގައި ވެސް މިހާރު ވަނީ މައްސަލަ ޖެހިފަ އެވެ. އަރްބާޒް އާއި އަންހެނުން މަލައިކާ ވަރިވާން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު ސުހައިލް އާއި އަންހެނުން ސީމާ ވެސް ވަރިފަށަށް އަރާފައިވާތާ ކިތަންމެ ދުވަހެކެވެ.

ނަމަވެސް ރުޅިވެރިކަން އެއްފަރާތްކޮށް މި އެންމެން ވަނީ ސަލްމާންގެ ގޭގައި އޮތް އީދު ފާހަގަކުރުމުގައި ބައިވެރިވެފަ އެވެ. ބުނެވޭ ގޮތުގައި ސަލްމާން ވަނީ އޭނާގެ ދެ ކޮއްކޮގެ ކައިވެނި ސަލާމަތްކުރެވޭތޯ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އަރްބާޒް އާއި މަލައިކާއާ ވަކިވަކިންނާއި އެކުގައި ބައްދަލުކޮށް ނަސޭހަތް ދީފައިވެ އެވެ. އަދި ސުހައިލް އާއި ސީމާ އާ ވެސް މިގޮތަށް ބައްދަލުކޮށް މައްސަލަ ޖެހޭ ސަބަބުތައް ހޯދައި އެކަންކަން ހައްލުކުރަން ސަލްމާން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި މި މަސައްކަތުގެ ނަތީޖާ ވެސް އެދެވޭ ގޮތެއްގައި ފެނިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އެގޮތުން މަލައިކާ ވެސް އަރްބާޒް ކައިރިން ވަރިވާން ކުރިން މަސައްކަތް ކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެ އެވެ.
އީދު އައުމުގެ ދެތިން ދުވަހެއް ކުރިން އަރްބާޒާއި މަލައިކާ އެކުގައި ރެސްޓޯރަންޓެއްގައި ކާން ތިއްބައި ވެސް ފެނިފައި ވާއިރު ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓްގައި އޮތް އީދު ފާހަގަކުރުމަށް ވެސް ދެ މީހުން އައީ ދަރިފުޅު އަރްހާން ގޮވައިގެން އެކުގައި ކަމަށްވެ އެވެ.
ކައިވެނީގައި މައްސަލަތައް ޖެހިފައި ވިޔަސް ސުހައިލް އާއި ސީމާ ވެސް އެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު ނިރްވާން ގޮވައިގެން އީދު ފާހަގަކުރަން އެކުގައި ސަލްމާންގެ އެޕާޓްމަންޓަށް ގޮސްފައިވެ އެވެ.
ސަލްމާންގެ ހައްގު ކޮއްކޮ އަރްޕިތާ ވަނީ އާއިލާގެ އެންމެން އެކުގައި އީދު ފާހަގަކުރަން ޖަމާވެ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.