ވޯކް ޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ ކްލިނިކްތަކަށް އަލުން ދެނީ
ވޯކް ޕާމިޓް މެޑިކަލް ހެދުމުގެ ހުއްދަ ކްލިނިކްތަކަށް އަލުން ދެނީ

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވޯކް ޕާމިޓް ހެދުމަށް ބޭނުންވާ މެޑިކަލް، އަމިއްލަ ކްލިނިކްތަކުން ހެދުން މަނާކުރުމަށް ފަހު އެ ހުއްދަ އަލުން ދޭން ނިންމައި، އެކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވޯކް ޕާމިޓް ހެދުމުގެ ހުއްދަ ދިނުމުގައި ބަލަން ޖެހޭ ކަންކަމާއި އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ބަދަލުތަކާއެކު އިތުރު ފަރާތްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ދިނުން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ހެލްތް މިނިސްޓްރީގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ. މައުލޫމާތު ސާފުކުރުމަށް ފަހު މި މަަހުގެ 21 ވަނަ ދުވަހު ކުރިން ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ.

ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ލިމްޔާ ވިދާޅުވީ ވޯކް ޕާމިޓް މެޑިކަލް ކްލިނިކްތަކުން ހެދުން މަނާކޮށް އެކަން ހުއްޓާލީ ސިސްޓަމް ހަރުދަނާ ކުރުމަށް ކަމަށެވެ. ވޯކް ޕާމިޓް މެޑިކަލް ހަދައިދިން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލްތައް ނޫން އެހެން ތަންތަނުން މެޑިކަލް ހެދުމުގެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ.

ލިމްޔާ ވިދާޅުވީ މިފަހަރު ހުޅުވާލި ފުރުސަތުގައި ކުރިން ވޯކް ޕާމިޓް މެޑިކަލް ހަދައިދިން ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.