"އެލީޓާ" އަކީ އާދައިގެ ފިލްމެއް ނޫން
"އެލީޓާ" އަކީ އާދައިގެ ފިލްމެއް ނޫން

"އެލީޓާ: ބެޓްލް އެންޖެލް" އަކީ އަންނަ އަހަރުގެ ޖުލައި 20 ގައި ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައި އޮތް ފިލްމެކެވެ. އެކްޝަން މަންޒަރުތަކުން ފުރިފައިވާ ފިލްމްގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "އެލިޓާ" އަކީ ސައިންސް ފިކްޝަން ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ ހުރިހާ ރަހަތަކެއް ހެޔޮވަރުކޮށްލައިގެން ހަދާފައިވާ ފިލްމެކެވެ.

ވަކިން ހާއްސަކޮށް "އެވެޓާ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޖޭމްސް ކެމެރެންގެ ސިނަމާ އަށް ލޯބި ކުރާ މީހުންނަށް "އެލީޓާ" އަކީ ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމަކަށް ނުވާނެ އެވެ. މީގެ ސްކްރީންޕްލޭގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އަދި ފިލްމްގެ އެއް ޕްރޮޑިއުސަރަކީ ވެސް ކެމެރަން އެވެ.

ޖަޕާންގެ މަންގާ އާޓިސްޓް ޔުކީޓޯ ކިޝިރޯގެ "ބެޓްލް އެންޖެލް އެލީޓާ" އަށް ބިނާކޮށް ހަދާފައިވާ "އެލީޓާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ކެމެރެން އާއި މި ފިލްމްގެ ޑައިރެކްޓަރު ރޮބަޓް ރޮޑްރިގޭޒްގެ އިތުރުން ލައޭޓާ ކަލޮގްރިޑިސް އެވެ.

"އެލީޓާ" އަކީ އާދަޔާހިލާފު ގޮތަކަށް އުފެދިފައިވާ އަދި ތަފާތު ބާރުތަކެއް ލިބިފައިވާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގެ ޓައިޓްރޯލް ކުޅެފައި ވަނީ "މޭޒް ރަނާ" އާއި "ސަބްމާޖްޑް" ގަދަ ފިލްމްތައް ކުޅެފައިވާ ރޯޒާ ސަލަޒަރް އެވެ. އެކަމަކު އޭނާގެ އަސްލު ސިފަ އަށް ވުރެ ބޮޑަށް، ރޯޒާ ފިލްމުން ފެނިގެން ދާނީ އެނިމޭޓެޑް ކެރެކްޓާއަކާ ވައްތަރުކޮށެވެ.

"އެލީޓާ" ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނޮލީ އާއި މިދިޔަ އަހަރު އެންމެ މޮޅު ފިލްމްގެ އޮސްކާ ހޯދި "މޫންލައިޓް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ ހޯދި މެހެރްޝާލާ އަލީ އާއި ކްރިސްޓޯފާ ވޯލްޒްގެ އިތުރުން މިޝޭލް ރޮޑްރިގޭޒް ފަދަ ތަރިން ހިމެނެ އެވެ.

ޓްވެންޓިއެތު ސެންޗަރީ ފޮކްސް އާއި ކެމެރެންގެ ޕްރޮޑަކްޝަން ހައުސް ލައިޓްސްޓޯމް އެންޓަޓައިންމަންޓުން ހަދާފައިވާ "އެލީޓާ" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.