12 ޑިސެމްބަރ 2017 - 06:54

އެމެރިކާގެ ނިއު ޔޯކްގައި ޑޮކްޓަރަކު އޮޕަރޭޝަނެއް ކުރަމުން އޭނާގެ ފޯނުން ލޭންގްއޭޖް ޓެސްޓެއް ހެދި ކަމަށް ބުނެ މީހަކު އެ ޑޮކްޓަރާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ޖާނަލް ނިއުސްގައި ބުނެފައިވާ ގޮތުން 70 އަހަރުގެ މޭރީ އެޑްވާޑްސް މިދިޔަ ހޯމަ ދުވަހު ސްޓޭޓް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޑރ. އެރިކް ފިޝްމަން އާއި އޭނާ ވަޒީފާ އަދާކުރާ ވެސްޓްމެޑް މެޑިކަލް ގްރޫޕާ ދެކޮޅަށެވެ. ފައިސާގެ ބަދަލެއް އެ ފަރާތްތަކުން ހޯދަން މި މީހާ ވަނީ އެދިފަ އެވެ.
ޑރ. ފިޝްމަން ވަނީ މި އަންހެންމީހާގެ ވެރިކޯސް ވެއިންތަކެއް ރަނގަޅު ކުރަން މިއަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން ސާޖަރީ ހަދައިދީފަ އެވެ. އަންހެންމީހާ ހުށަހެޅި ދައުވާގައި ބުނެފައިވަނީ ދެ ވަނަ ފަހަރަށް އައުޓްޕޭޝަންޓް ޕްރޮސީޖާއެއްގެ ގޮތުގައި އޭނާގެ އޮޕަރޭޝަން ކުރަމުން ދިޔަ ވަގުތު ޑރ. ފިޝްމަން ފޯނުން ސްޕެނިޝް ބަހުން ވާހަކަތަކެއް ދެއްކި ކަމަށެވެ.
މޭރީ އެޑްވާޑްސްގެ ގާނޫނީވަކީލު ބުނަނީ ޑޮކްޓަރު ކަންތައް ކުރި ގޮތުން އޮޕަރޭޝަން ކުރަން ހޭދަވި ވަގުތުގައި، މޭރީ މީހާއަށް ވަރަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވި ކަމަށެވެ.