"ރޭސް 3" ގައި އަނިލް އަކީ ސަލްމާންގެ ބައްޕަ
"ރޭސް 3" ގައި އަނިލް އަކީ ސަލްމާންގެ ބައްޕަ

"ރޭސް 3" ގައި ސަލްމާން ޚާންގެ ބައްޕަ ރޯލު އަދާކުރަން އަނިލް ކަޕޫރު ވަނީ ސޮއިކޮށްފަ އެވެ. އަދި ވަނީ "ރޭސް"ގެ ކުރީ ދެ ފިލްމުގައި ވެސް ވަރަށް މަޖާ ރޯލެއް އަދާ ކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ ރޯލުގައި އަނިލް ކުޅުނީ ކުރީ ފަހަރު ކުޅުނު ސިފައިންގެ މީހެއްގެ ރޯލެއް ނޫނެވެ. މުޅިން އާ ރޯލެކެވެ.

"ރޭސް 3" ގައި އެންމެ މުހިއްމު ކެރެކްޓާއަކީ އަނިލްގެ ކެރެކްޓާ ކަމަށް ވެ އެވެ. އޭނާ ކުޅެނީ އާއިލާގެ އެންމެ އިސް މީހާގެ ރޯލެވެ. މި ރޯލު ފުރަތަމަ ހުށަހެޅީ އަމީތާބު ބައްޗަން އަށެެވެ. ނަމަވެސް އަމީތާބު އިންކާރު ކުރުމުން އަނިލް އަށް ފިލްމު ހުށަހެޅީ އެވެ. އޭނާ ވެސް ދެ ފިކުރެއްގައި، ފިލްމު ގަބޫލުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓެވެ. ނަމަވެސް މި ހަފުތާގައި އޭނާ ވަނީ މި ޕްރޮޖެކްޓް ކުޅެން އެއްބަސް ވެފަ އެވެ.

އަނިލް އަށް ވުރެ ސަލްމާން ހަގީ ނުވަ އަހަރެވެ. އެހެންކަމުން ސަލްމާންގެ ބައްޕަގެ ރޯލު ކުޅެން އަނިލް ކުޑަކޮށް ޖެހިލުންވި ކަމަށް ބެލެވެ އެވެ.

އަނިލް އާއި ސަލްމާން މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ބީވީ ނަންބަރު 1"، "ނޯ އެންޓްރީ" ހިމެނެ އެވެ. އަނިލް އާއި ސަލްމާންގެ މެދުގައި އޮތް ގިނަ ދުވަސްވީ ގާތް ގުޅުމަކީ ވެސް މި ފިލްމަށް އަނިލް އެއްބަސްވީ ސަބަބަކަށް ވި އެވެ.

އަނިލް މިހާރު ކުޅެމުން އަންނަ އަނެއް ފިލްމަކީ ރާޖްކުމާރު ރާއޯ އާއި އައިޝްވަރިޔާ ރާއީ އާއެކު ކުޅޭ "ފޭން ޚާން" އެވެ. ކުރިން މި ފިލްމަށް ކިޔާފައި އޮތީ "ފެނީ ޚާން" ނަމަވެސް މިހާރު ވަނީ ނަން ބަދަލުކޮށްފަ އެވެ.