11 ޑިސެމްބަރ 2017 - 06:11

"ގާބިލް" އަށް ފަހު ރިތިކް ރޯޝަން މިހާރު ތައްޔާރުވަމުން އަންނަނީ ވިކާސް ބާލް އުފައްދާ "ސުޕަ 30" އަށެވެ. މިއީ އާނަންދު ކުމާރުގެ ބައޮޕިކް އެކެވެ. އާނަންދަކީ އިންޑިޔާގައި އުފެދުނު ހިސާބުގެ އިލްމަށް އެންމެ މޮޅު މެތުމެޓީޝިއަން އެކެވެ.
މި ފިލްމުގައި ރިތިކްގެ ދަރިވަރުންގެ ގޮތުގައި ވަރަށް ގިނަ އެކްޓަރުން ބައިވެރިކުރަން ޖެހެ އެވެ. އެހެންވެ ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އަންނަނީ މި ރޯލުތަކަށް ހޮވާނެ ޗައިލްޑް އެކްޓަރުން ހޮވުމަށް އޮޑިޝަންތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 15،000 އެކްޓަރުންގެ އޮޑިޝަން ހަދައި މީގެ ތެރެއިން 78 ކުދިން ވަނީ ހޮވައިފަ އެވެ.
"އަހަރެމެން ފިލްމުގައި ބައިވެރިކުރަން ބޭނުންވަނީ 15-17 އަހަރާ ދެމެދުގެ ކުދިން ... އެންމެ ފުރަތަމަ ނެގީ 400 ކުދިން. ދެން 200 ކުދިން ހޮވުމަށް ފަހު 250 އަށް ތިރިކޮށްލީ. މިހާރު އޭގެ ތެރެއިން ވެސް 78 ކުދިން ވަނީ ހޮވާފައި. މި ކުދިންނަށް ވޯކްޝޮޕްތައް ބޭއްވުމަށް ފަހު ފިލްމަށް އަހަރެމެން ފައިނަލް ކުރާނީ 30 ކުދިން،" މުކޭޝް ޗަބްރާ ބުންޏެވެ.
މުކޭޝް ބުނި ގޮތުގައި އިންސްޓިޓިއުޓްތަކުގައި ކިޔަވާ މި އުމުރުގެ ކުދިންނާ މުޅިން އެއްގޮތަކަށް މި ކުދިން ތަމްރީނުކުރާނެ އެވެ. އޭނާ ބުނި ގޮތުގައި ކުދިންނަކަށް އެކްޓްކުރާކަށް ދސްކޮށެއް ނުދެވޭނެ އެވެ. ޖެހޭނީ އުފެދުމުގައި ވެސް އެ ހުނަރު ހުރި ކުދިން ދެނެގަނެ އެފަދަ ކުދިން ހޮވާށެވެ.
މުކޭޝް އަކީ ވަރަށް ގިނަ ފިލްމުތަކަށް ކުދިން ހޮވުމުގައި އިސްކޮށް މަސައްކަތް ކޮށްފައިވާ ކާސްޓިން ޑައިރެކްޓަރެކެވެ.