މަތިންދާބޯޓެއްގައި މީހަކު ޒާއިރާއާ ބެހެފި
މަތިންދާބޯޓެއްގައި މީހަކު ޒާއިރާއާ ބެހެފި

"ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ"އިން މަޝްހޫރުކަން ހޯދި އުމުރުން އެންމެ 17 އަހަރުގެ ބަތަލާ ޒާއިރާ ވަސީމް އިންޑިއާގެ ނިއު ދިއްލީން މުމްބާއީ އަށް ދަތުރުކުރި މަތިންދާބޯޓެއްގައި މީހަކު އޭނާއާ ބެހުނު ކަމަށް ބުނެ ޝަކުވާކޮށްފި އެވެ.

ޒާއިރާ އިންސްޓަގްރާމް ކުރި ވީޑިއޯއެއްގައި ބުނީ މެދު އުމުރުގެ ފިރިހެނަކު ފަހަތު ސީޓުގައި އިނދެގެން ޒާއިރާގެ ގޮނޑިއާއި ގަޔަށް ފައި ލައިގެން އޮތް ކަމަށެވެ. އެކަން ފްލައިޓް އެޓެންޑެންޓުންނަށް އެންގުމުން ވެސް އަޅާނުލި ކަމަށް އޭނާ ބުންޏެވެ.

ޒާއިރާ ވަނީ އޭނާއާ ބެހުނު މީހާގެ ފައި ޒާއިރާގެ ގޮނޑީގެ އަތްގަނޑުގައި އޮއްވާ ނެގި ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ.

ފަހަތު ގޮނޑީގައި އިނދެގެން އެ މީހާ ޒާއިރާގެ އިން ގޮނޑިއާ ދިމާލުން ފައި ނެރެ ޒާއިރާގެ ކަރާއި ކަނދުރާ އަދި ބުރަކަށީގައި 10 ވަރަކަށް މިނިޓް ވަންދެން ކޭއްތި ކަމަށް ޒާއިރާ ބުންޏެވެ. ދެ ގަޑިއިރުގެ މި ދަތުރުގެ ވަކި ހިސާބަކަށް ކެބިންގެ އަލިތައް މަޑުކޮށްފައި ހުރުމުން، އެމީހާ ކުރި ކަންތައްތައް ރަނގަޅަށް ރެކޯޑް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

"ފްލައިޓްގައި ދަތުރަށް ފެށިއިރު އަހަރެން އިނީ ވަރަށް ހަމަޖެހިލައިގެން. އެހެންވެ ވަކި ހިސާބަކުން އަހަންނަށް ދެބަދޭތެރެވާ ގޮތަކަށް ނިދުނީ. ނިދިފަ އޮއްވަ އަހަރެންގެ ބުރަކަށީގައި ކޮންމެވެސް މީހަކު އެއްޗެއް ހާކާހެން ހީވި. އަހަރެން ހީކުރީ ޓާބުލަންސްގެ ސަބަބުން ބޯޓު ތެޅުވޭތީ ހީވި ގޮތެކޭ. ނަމަވެސް ރަނގަޅަށް ހޭލެވިގެން ބަލާލިއިރު އެމީހާގެ އެ 'ރީތި' ފައި މަގޭ ބުރަކައްޓާއި ކަރުގައި މިއޮއް ހާކަނީ،" ޒާއިރާ ބުންޏެވެ.

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާ ދަތުރުކުރީ އެއާ ވިސްޓާރާގެ ބޯޓެއްގަ އެވެ.

ޒާއިރާގެ އިންސްޓަގްރާމް ޕޯސްޓްކުރުމާ އެކު އެއާ ވިސްޓާރާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި މިކަން ވީ ގޮތް ތަހުގީގުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިގޮތަށް ކަންތައް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން ފޯ ވިމެންގެ ޗެއާޕާސަން ވިޖަޔާ ރާހަތުކަރް ވެސް ވަނީ މި ހާދިސާ ކުށްވެރިކޮށް މިއީ ވަރަށް ލަދުގަންނަން ޖެހޭ ކަހަލަ ހާދިސާއެއް ކަމަށާއި މިކަމުގައި ކެބިން ކުރޫންގެ ފަރާތުން ޒާއިރާއަށް އެހީތެރިކަން ނުލިބުނީ ކީއްވެތޯ އޮޅުން ފިލުވާނެ ކަމަށް ބުނެފަ އެވެ.