10 ޑިސެމްބަރ 2017 - 13:28

ގއ. ގެމަނަފުށީ މަސްވެރިންނަކީ އަބަދުވެސް ތަފާތު ކަންކަން ކުރާ ބައެކެވެ. ރަށުގެ ގިނަ ޒުވާނުން މަހަށް ދާއިރު، މި އަހަރުގެ މަސްވެރިންގެ ދުވަސް ވެސް އެ މީހުން ބޭނުންވީ ތަފާތުކޮށްލާށެވެ. އެހެންވެ، އެ ރަށު އެންމެ ބޮޑު ކަންނެލި ދޯނިން މިއަދު ވަނީ، ޒަމާނީ މަސްވެރިކަން ދައްކާލައި ތަޖުރިބާކޮށްލުމަށް އެ ރަށުގެ ދުވަސްވީ މީހުން މަހަށް ދާން ފުރުސަތު ދީފަ އެވެ.

އާއްމުކޮށް ޒުވާނުން މަހަށް ދާ ގެލެރީ ވިޝަން އިން ރޭ މަހަށް ފުރި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މީހުންނެވެ. އުމުރުން ދުވަސްވީ ވިއްސަކަށް މީހުން އެ ދޯނީގައި މަހަށް ދިޔައިރު އެ މީހުންނާ އެކު ޒުވާން ފަޅުވެރިން ވެސް ދިޔަ އެވެ. އެކަމަކު ޒުވާނުން ކުރާނީ ދުވަސްވީ މީހުން ބުނާ ކަމެއް އެކަންޏެވެ.

"އެ ހުރިހާ އެންމެންނަކީ ވެސް ކުރިން މި ރަށުގައި ގަދައަށް މަސްވެރިކަން ކުރި މީހުން. އެކަމަކު އެ މީހުން އެ މަސައްކަތްކުރީ މިހާރާ ވަރަށް ތަފާތުކޮށް. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ މިހާރު މަސްވެރިކަން ކުރާގޮތް އެ މީހުންނަށް ދައްކާލައި، އެކަން ކުރުމުގެ ފުރުސަތު ދޭން،" ގެމަނަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މަސް ބޭނުމާއި އެންދަމާ ގޮތް ވެސް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މިހާރު މަސްވެރިން އެންދަމާނީ ކަނޑަށް ފައިބައިގެން ޑައިވްކޮށްގެން. އެހެންވެ، އެ ބަދަލުތައް އެމީހުންނަށް ދައްކާލައި، މަސްވެރިކަމުގެ އިހުސާސް އަލުން ކޮށްދިނުން އަޅުގަނޑުމެންގެ މަގްސަދަކީ،"
މި ދަތުރުން، ކުރިން މަސްވެރިކަން ކުރާގޮތް ވެސް، މިހާރުގެ މަސްވެރިންނަށް ފެންނާނެ ކަމަށާއި އެހެންވެ ދެ ޖީލެއްގެ މަސްވެރިންނަށް ވެސް މިއީ ރަނގަޅު ތަޖުރިބާއަކަށް ކަމަށް އެ މަސްވެރިޔާ ބުންޏެވެ.
"އެ މީހުން ދާ އެޅި ގޮތް ވެސް އަޅުގަނޑުމެންނަށް ފެންނާނެ. ދެން އެނގިދާނެތާ އޭގެ ތަފާތެއް ވެސް،"
އާއްމުކޮށް ގެމަނަފުށީ މަސްވެރިން ކޮންމެ ދަތުރެއްގައި ހަފުތާއަކަށް ވުރެ ގިނަ ދުވަސް ހޭދަކުރެ އެވެ. އެކަމަކު ރޭ ދިހައެއް ޖަހާއިރު މަހަށް ފުރި ގެލެރީ ވިޝަން މިއަދުގެ ވަގުތެއްގައި ރަށަށް ދާނެ ކަމަށް ވެ އެވެ. އެއީ މުޅި ރަށަށް އިއުލާނުކޮށްގެން، މަހަށް ދާން ކުރިމަތިލި، އުމުރުން ދުވަސްވީ މީހުން ކަނޑުމަތީގައި ގިނަ ދުވަހު ނުގެންގުޅުމަށެވެ.
ގެލެރީ ވިޝަންއިން ބުނިގޮތުގައި އެ ދޯންޏަށް މިއަދު ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ވެސް މަހަށް ދިޔަ، ދުވަސްވީ މީހުންނަށެވެ.
ރާއްޖޭގެ 37 ވަނަ މަސްވެރިންގެ ދުވަސް މިއަދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫގަ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި މަހު 16 ވަނަ ދުވަހު އެ ރަށުގައި ބާއްވާއިރު ރާއްޖޭގެ އެންމެ މޮޅު ކެޔޮޅުންނާއި މަސްވެރިކަމުގެ ދާއިރާގައި އެކި ފަރާތްތަކަށް ސަރުކާރުން އިނާމު ދޭނެ އެވެ.