"ޓައިގާ ޒިންދާ ހޭ" ގިނަ ބަޔަކަށް ކަމުދިޔަ: ޑައިރެކްޓަރު
"ޓައިގާ ޒިންދާ ހޭ" ގިނަ ބަޔަކަށް ކަމުދިޔަ: ޑައިރެކްޓަރު

ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އަށެވެ. މިއީ "އޭކް ތާ ޓައިގާ"ގެ ސީކުއަލްއަކަށް ވާތީ ފުރަތަމަ ފިލްމު ކަމުދިޔަ މީހުން ދެ ވަނަ ފިލްމަށް އިންތިޒާރުކުރާނެ ކަން ޔަގީނެވެ. ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނި ގޮތުގައި އޭނާ ލިޔުނު މި ފިލްމުގެ ސްކްރިޕްޓް އެންމެންނަށް ވެސް ވަރަށް ކަމުދިޔަ އެވެ.

އޭނާ ބުނި ގޮތުގައި "ޓައިގާ ޒިންދާ ހޭ" އޭނާ ފުރަތަމަ ލިޔުނީ "360 އަވާޒް" ކިޔާ ފިލްމެއް އުފެއްދުމަށެވެ. އަދި "ޓައިގާ" ފްރެންޗައިސްގެ ފިލްމަކަށް ބަދަލުކޮށްލުމުގެ ޚިޔާލު އައީ ފަހުންނެވެ. ފިލްމުގެ ޕްލޮޓަކަށް އޭނާ މާ ބޮޑު ބަދަލެއް ނުގެނެ އެވެ. މިއީ ޓެރަރިސްޓުންގެ ބަޔަކު އިރާގުގައި އިންޑިއާގެ ނަރުހަކު ރަހީނުކުރުމުން އެ މީހުން ސަލާމަތްކުރަން އިންޑިއާ އާއި ޕާކިސްތާނުން ހިންގި ރެސްކިއު އޮޕަރޭޝަނެއް ފެނިގެން ދާނެ ފިލްމެކެވެ.

އަލީ ބުނި ގޮތުގައި ޓައިގާ ފްރެންޗައިސްގެ ފިލްމަކަށް އޭނާގެ ސްކްރިޕްޓް ބަދަލުކޮށްލުމުގެ ޚިޔާލު އައީ "ސުލްތާން"ގެ މަސައްކަތް ނިމުނުތަނާ އެވެ.

"...އަހަރެން އަދިތުޔާ ޗޯޕްރާ ގާތު ބުނިން ކުރިން އަހަރެން އޭނާއާ ހިއްސާކުރި "360 އަވާޒް"ގެ ވާހަކަ އާއި ސްކްރީންޕްލޭ އަށް ފިލްމެއް ތައްޔާރުކުރަން ބޭނުމޭ. އަދި އެ ވާހަކަ މިހާރު ޓައިގާ ޒިންދާ ހޭ ކިޔާ ސްކްރިޕްޓަކަށް ބަދަލުކޮށް އޭކް ތާ ޓައިގާގެ ސީކުއަލް އުފައްދާށޭ ބޭނުމީ. އޭނާ ހިިނިގަނޑެއް ޖަހާލާފައި އަހަރެންގެ ޚިޔާލު ވަރަށް ރަނގަޅު ކަމަށް އެއްބަސްވި،" ޑައިރެކްޓަރު ބުންޏެވެ.

ހަފުތާއެއް ތެރޭ އަލީ އަނެއްކާވެސް މުޅި ސްކްރީންޕްލޭ ބަދަލުކޮށްލައިގެން އަދިތުޔާ ޗޯޕްރާ ކައިރިއަށް ދިޔަ އެވެ. އެ ފަހަރު އެއީ "ޖާދޫ"އެއް ކަމަށް އަދިތުޔާ ޗޯޕްރާ ބުނި ކަމަށްވެ އެވެ.

"މިފަހަރުގެ ފިލްމުގައި ފެންނާނީ ކުރީގެ ފިލްމުގައި އުޅުނު ދެ ކެރެކްޓާ އަށް އަހަރު ފަހުން ބައްދަލުވާތަން. އެހެންވެ ވާހަަކައިގައި އެއްވެސް ކަހަލަ ނުކިއްސަރުކަމެއް ނުހުންނާނެ،" ޑައިރެކްޓަރު ބުންޏެވެ.

އަލީ ބުނި ގޮތުގައި ދެން އޭނާ ސްކްރިޕްޓް ހިފައިގެން ދިޔައީ ސަލްމާން ގާތަށެވެ. އަދި ސަލްމާނަށް ސްކްރިޕްޓް ކިޔައިދޭން ފެށިތާ އެންމެ 20 މިނިޓް ތެރޭގައި އޭނާ އެ ފިލްމު ކުޅެން އެއްބަސްވި އެވެ.

"އެއީ ސީކުއަލް އެއް ނުވަތަ ސީކުއަލް އެއް ނޫނަސް އޭނާ އެ ފިލްމު ކުޅެދޭނެކަމަށް ސަލްމާން ވަގުތުން ބުނި. ސަބަބަކީ ފިލްމުގެ ވާހަކަ އަކީ ހީރޯއަކަށް ވާތީ ކަމަށް ވެސް ބުނި،" އަލީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެޓުރީނާ މި ފިލްމު ކުޅެން އެއްބަސްކުރުވުން ވެސް އޭނާއަށް ވީ ވަރަށް ފަސޭހަ ކަމަކަށެެވެ. އަދި "އޭކް ތާ ޓައިގާ" ޑައިރެކްޓްކުރި ކަބީރް ޚާނަށް ވެސް އަލީ ވަނީ މި ފިލްމުގެ ސްކްރިޕްޓް ކިޔައިދީފަ އެވެ. އަދި ކަބީރް ވެސް އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމެއްދީ ހިތްވަރު ދިން ކަމަށް އަލީ ބުންޏެވެ.

"ޓައިގާ ޒިންދާ ހޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.