މޮރީނިއޯ ބަލިކުރުން އެހާ ހާއްސައެއް ނޫން: ގާޑިއޯލާ
މޮރީނިއޯ ބަލިކުރުން އެހާ ހާއްސައެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 10) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް ކުރި ހޯދުމަކީ މިހާރު އެހާ ހާއްސަ ކަމެއް ނޫން ކަމަށް އެ ޓީމާ ދެކޮޅަށް ޕްރިމިއާ ލީގުގައި މިރޭ ނުކުންނަ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ އަށް ގާޑިއޯލާ ކުޅުނު ދުވަސްވަރު މޮރީނިއޯ ވަނީ އެ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ކޯޗަކަށް ގާޑިއޯލާ ހުރިއިރު ވާދަވެރި ރެއާލް މެޑްރިޑުގެ ކޯޗަކަށް މޮރީނިއޯ ހުރެ ވަރުގަދަ ވާދަވެރިކަމެއް ފެށުނެވެ. މޮރީނިއޯ ވަނީ އިންޓަގައި ހުރެ ގާޑިއޯލާގެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފަ އެވެ.

"ބޮޑެތި މެޗުތަކުގައި އަހަރެމެން ދެ މީހުން ވަރަށް ގިނައިން ވާދަކޮށްފިން. އަހަރެމެން މޮޅުވޭ އަހަރެމެން ބަލި ވެސް ވޭ. އެކަން އެގޮތުގައި ކުރިއަށްދާނެ ކުރިއަށް އޮތް 10، 20 ނުވަތަ 30 އަހަރު ވެސް. އަހަރެން އޭނާ ހުރިހާ މެޗެއްގައި ބަލިކުރާނަން. އޭނާ ވެސް އަހަރެން ހުރިހާ މެޗެއްގައި ބަލިކުރާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ވާދަކުރަން ބޭނުންވާ ކަމަށާއި މޮޅުވާން ވެސް ބޭނުންވާ ކަމަށެވެ.

"އެކަމަކު ގަބޫލުކުރޭ، މޮރީނިއޯގެ ޓީމެއް ބަލިކުރުމަކީ ހާއްސަ ކަމެއް ނޫން. އަހަރެން ބޭނުންވޭ މޮޅުވާން އެކަމަކު އަހަންނަކީ އާދައިގެ މީހެއް. އަހަރެން ބަލިވީމާ އަހަރެން ބަލި ގަބޫލުކުރަން. އަދި އަހަރެން މަސައްކަތްކުރަން އެކަމުން ފިލާވަޅު ހޯދައިގެން ވީހާ ވެސް އަވަހަކަށް އެ މެޗުން ސިކުނޑިން ދުއްވާލަން،" މޮރީނިއޯ އަށް ރައްދުވާ ފަދަ މޭރުމަކުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އަބަދުވެސް ބޭނުންވަނީ އިދިކޮޅު ޓީމު ބަލިކުރަން ކަމަށާއި އެކަމަކު ކޯޗުންނަށް އޭނާ ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި މޮރީނިއޯ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 9:30 ގަ އެވެ.