10 ޑިސެމްބަރ 2017 - 11:01

މެޑްރިޑް (ޑިސެމްބަރު 10) – ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ ކޮޅަށް ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ފަސް ގޯލް ޖެހިއިރު، އެއީ އެ ޓީމުން މި ސީޒަނުގައި ދެއްކި އެންމެ މޮޅު ކުޅުން ނޫން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މި މެޗުން 5-0 އިން މެޑްރިޑް މޮޅުވިއިރު އެ ޓީމު އޮތީ 31 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި 36 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ބާސެލޯނާ އެވެ. ދެ ވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.
"އަހަރެން ނުދެކެން އެއީ މި ސީޒަނުގެ އެންމެ މޮޅު 45 މިނެޓު ކަމަށް. މީގެ ކުރިން އެއް ހާފެއްގައި އެހާ ގިނަ ގޯލް ޖަހާފައި ނެތް އެހެންވެ އެ ނަޒަރުން ބަލާއިރު ވެދާނެ. އެކަމަކު ކުޅުނު ކުޅުމަށް ބަލާއިރު އަހަރެން ދެކޭ ގޮތުގައި މިއަށް ވުރެ ރަނގަޅަށް ކުޅުނު މެޗުތައް ގޮސްފި. ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ނުވަތަ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު،" ޒިދާން ބުންޏެވެ.
ސެވިއްޔާ ފަދަ އުނދަގޫ ޓީމަކާ ދެކޮޅަށް ފަސް ގޯލް ޖަހައި އަދި ގޯލެއް ވައްދާނުލާ ނިންމާލެވުމުން އުފާވެރިކަން އެބަހުރި ކަމަށާއި އެކަމަކު މިއީ އަދި އޭނާ އަށް އެންމެ މޮޅު ނޫން ކަމަށް ޒިދާން ބުންޏެވެ.
މެޑްރިޑުގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު އަނެއް ތިން ލަނޑު ޖެހީ ނާޗޯ އާއި ޓޯނީ ކްރޫސް އަދި އަޝްރަފް ހަކީމީ އެވެ.
ރެއާލް މެޑްރިޑަށް ދެން އޮތީ ފީފާ ކްލަބް ވޯލްޑް ކަޕެވެ. ޔޫއޭއީގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ބުދަ ދުވަހު މެޑްރިޑް ނުކުންނާނީ ޔޫއޭއީގެ އަލް-ޖަޒީރާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ބްރެޒިލުގެ ގްރެމިއޯ އާއި މެކްސިކޯގެ ޕަޗޫޗާ އެވެ.