12 ޑިސެމްބަރ 2017 - 06:56

ބޭބީ ލީންލީ ހޯޕްގެ ވާހަކަ މެޑިކަލް ފޮތްތަކުގައި ލިޔެވިގެންދާނެ އެވެ. ސަބަބަކީ ހޯޕް އަކީ މެޑިކަލް ދާއިރާއިން ދުނިޔެ ކުރިއަރާފައިވާ މިންވަރު ހާމަވެގެންދާ ކުއްޖަކަށް ވާތީ އެވެ. އޭނާ އަކީ މިހާތަަނަށް ދެ ފަހަރަށް "އުފަންވުމުގެ" ނަސީބު ލިބުނު ހަމައެކަނި ކުއްޖާ ކަމަށް މިހާތަނަށް އެއްކުރެވިފައިވާ ރެކޯޑްތަކުން ދައްކަ އެވެ.
އުފެދުމުގައި ވެސް ހުރި ބޮޑު މައްސަލައެއްގެ ސަބަބުން މިދިޔަ އަހަރު ހޯޕްގެ އޮޕަރޭޝަން ކޮށްފައިވަނީ މަންމަގެ ބަނޑުތެރޭގައި އޮއްވައި ނަގައިގެންނެވެ.
އޮޕަރޭޝަން ޑޮކްޓަރަނުން ލީންލީ ހޯޕް އޭނާގެ މަންމަގެ ރަހިމުން ނެގީ ބަލިވެ އިންތާ 23 ވަނަ ހަފުތާގަ އެވެ. އެއަށްފަހު ފުރާނައަށް ނުރައްކާ އޮތް، ވަރަށް ބޮޑު އޮޕަރޭޝަނެއް މި ތުއްތު ކުއްޖާގެ ކޮޮށްފައިވެ އެވެ.
ހޯޕް މިހާ ޅަފަތުގައި މަންމަގެ ބަނޑުން ނަގަން ޖެހުނީ މައިބަދައިގައި ވަރަށް ބޮޑު ޓިއުމަރެއް އުފެދިފައިވާތަން ސޯނޯގްރާމުން ދެއްކުމުންނެވެ. އެ ޓިއުމަރުގައި ހޯޕްގެ ބޮލުގެ ބޮޑުމިން ހުއްޓެވެ. އަދި ޓިއުމަރު ނުނަގައިފި ނަމަ ދުވަސް ފުރެންދެން ހޯޕް ދުނިޔޭގައި އޮތުމުގެ ފުރުސަތު ވަރަށް ކުޑަކަން ޑޮކްޓަރުންނަށް ޔަގީންވި އެވެ.
މި ޓިއުމަރު އިނުމުން ކުއްޖާއަށް ލޭ ފޯރުވުމުގައި މައްސަލަތައް ދިމާވެ ހިތް ފެއިލްވުމުގެ ނުރައްކާ ބޮޑުވި އެވެ. އެހެންވެ މަންމަގެ ބަނޑުތެރޭގައި ބާއްވައިގެން ހޯޕްގެ މައިބަދައިގައި އިން ޓިއުމަރު ނެގޭތޯ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ހޯޕްގެ ފުރާނަ ސަލާމަތްކުރެެވެން ދެން އޮތް ހަމައެކަނި ގޮތަކީ ނެގުން ކަމަށް ވާތީ އޭނާ ނެގީ އެވެ.
ލީންލީ ހޯޕް އޭނާގެ މަންމަގެ ބަނޑުން ބޭރުގައި ފުރަތަމަ ފަހަރަށް 20 މިނިޓް ހޭދަ ކުރި އެވެ. އެ ވަގުތުގެ ތެރޭގައި ޑޮކްޓަރުން ވަނީ މި ތުއްތު ކުއްޖާގެ ބޮޑު އޮޕަރޭޝަނެއް ކޮށް އޭނާގެ މައިބަދައިގައި އުފެދިފައި އިން ޓިއުމަރު ނަގާފަ އެވެ. އޭރު ހޯޕްގެ ބަރުދަނުގައި ހުރީ އެއް ޕައުންޑް ތިން އައުންސެވެ.
އޮޕަރޭޝަނަށް ފަހު ހޯޕް އަނެއްކާވެސް އޭނާގެ މަންމަގެ ރަހިމުގެ ތެރެއަށް ލީ އެވެ. ސިޒޭރިއަން ހަދައިގެން އަލުން ނެގީ އޭގެ ތިން މަސް ފަހުންނެވެ. ދެ ވަނަ ފަހަރަށް ނެގިއިރު ހޯޕްގެ ބަރުދަނުގައި ފަސް ޕައުންޑް ފަސް އައުންސް ހުއްޓެވެ.
މިހާރު އޭގެ ފަހުން އަހަރެއް ފާއިތުވި އިރު ހޯޕްގެ ހެދިބޮޑުވުން މުޅިން ބަރާބަރެވެ. އަދި މިހާރު އޭނާ ރީތިކޮށް ހިނގައި ދުވެ އުޅެ އެވެ.
އޭނާގެ މަންމަ ބުނި ގޮތުގައި ހޯޕަކީ ހަމަ އަޖައިބެއް ފަދަ ގޮތަކަށް ސަލާމަތްވި ކުއްޖެކެވެ. އަދި މިހާރު އޭނާ އަކީ ވަރަށް މަޖާ އުފާވެރި ކުއްޖެއްގެ ގޮތުގައި ހޯޕްގެ މަންމަ ސިފަ ކުރި އެވެ.
ބޭބީ ލީންްލީ ހޯޕް އަކީ ހަގީގަތުގައި ވެސް މެޑިކަލް ސައިންސް ހޯދި ވަރަށް ބޮޑު ކާމިޔާބެކެވެ. އަދި އަހަރަކު ދެ ފަހަރު އުފަން ދުވަސް ފާހަގަކުރާ ކުއްޖެކެވެ.