10 ޑިސެމްބަރ 2017 - 10:32

ގާހިރާ (ޑިސެމްބަރު 10) - އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން އަރަބި ލީގުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ އެމެރިކާ ސަރުކާރަށް ފާޑު ކިޔައިފަ އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ބޭއްވި އަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަނީ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާ އަށް މިހާރު ގެއްލިފައިވާ ކަމަށް ބުނެފަ އެވެ. ސަބަބަކީ ފާޅުގައި އެމެރިކާ އިން ވަކިކޮޅަކަށް ޖެހިފައިވާކަން ހާމަކުރަމުންދާތީ ކަމަށެވެ.
ބާވީސް ގައުމުު ހިމެނޭ އަރަބި ލީގުން ފާސްކުރި ގަރާރަށް ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް، ސައުދީ އަރަބިއާ އަދި ޖޯޑަން ފަދަ ގައުމުތަކުން ވެސް ތާއީދުކޮށްފަ އެވެ. އަރަބި ލީގުގެ ގަރާރުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެމެރިކާ އަށް ފުރުސަތު ނުދިނުމާއި ޓްރަމްޕުގެ ނިންމެވުމުގެ ސަބަބުން މެދުއިރުމަތީގެ އިތުރު ހަމަނުޖެހުން އުފެދިފައިވާތީއާ އެކު އެކަން ސަލާމަތީ މަޖިލީހުން ކުށްވެރި ކުރަން ހުށަހެޅުން ހިމެނެ އެވެ.
ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި އެމެރިކާ ފިޔަވައި އަނެއް 14 ގައުމުން ވެސް ވަނީ ޓްރަމްޕުގެ ނިންމުން ކުށްވެރިކޮށްފަ އެވެ.
އެމެރިކާގެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާ އާއި ގާޒާ އަދި އިރުމަތީ ގުދުސްގައި އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އިހްތިޖާޖްކުރާތާ މިހާރު ހަތަރު ދުވަސްވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި 2334 ގަރާރުގައިވާ ގޮތުން ޖޫން 4، 1967 ގެ ފަހުން ގުދުސް އަށް ގެންނަ އެއްވެސް ބަދަލެއް ބަލައިނުގަންނާނެ އެވެ. ހަމައެކަނި ބަލައިގަންނާނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާތަކުން ދެބައި މީހުންނަށް ވެސް އެއްބަސްވެވޭ ބަދަލެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެ ގަރާރު ފާސްވެފައި ވަނީ ބަރަކް އޮބާމާގެ ސަރުކާރުން ވަކިކޮޅަކަށް ވޯޓު ނުދިނުމުންނެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ހިފީ ޖޫން 5، 1967 ގައި ފެށި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.