09 ޖުލައި 2016 - 08:32

ރޯމް (ޖުލައި 9) - އިޓަލީގެ ލާޒިއޯގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވިތާ ދެ ދުވަސް ތެރޭ މަގާމުން އިސްތިއުފާ ދިނީ ބޭނުންވި ކުޅުންތެރިން ކްލަބުން ނުގެނައުމުން ކަމަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ބުނެފި އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ބިއެސްލާގެ ހިޔާލު ބަދަލުވީ ހުސްވެފައިވާ އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗުކަން ހުށަހެއެޅުމުންނެވެ. އޭނާ ވަނީ 1998-2004 އަށް ވެސް އާޖެންޓީނާގެ ގައުމީ ކޯޗުކަންކޮށްފަ އެވެ.
ލާޒިއޯ އިން އާ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސިމޮނީ އިންޒާގީ ހަމަޖައްސާފައިވާއިރު އެ ކްލަބުން އަންނަނީ ބަދަލުގައި ބިއެލްސާ އަތުން 50 މިލިއަން ޔޫރޯ ހޯދުމަށް ކޯޓަށް ދިއުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ބިއެލްސާ ބުނީ އެއްބަސްވުމާ ހިލާފުވީ ކްލަބުން ކަމަށެވެ.
އޭނާ ބުނީ ޕްރީ ސީޒަން ފަށަން މަދު ދުވަސްކޮޅަކަށްވީ އިރު ވެސް އެއްބަސްވި އެއްވެސް ކުޅުންތެރިޔަކު ކްލަބުން ގެނެސްފައިނުވާ ކަމަށާއި އޭނާގެ ސްޓައިލުގައި މަސައްކަތްކުރެވޭނީ އެކަށީގެންވާ ވަގުތު އޮއްވާ ކުޅުންތެރިން ލިބިގެން ކަމަށެވެ.
ބިއެލްސާ ބޭނުންވި ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ފޯވާޑް ޕަޓޯ އާއި ފްރާންސުގެ ގޯލްކީޕަރު މަންޑަންޑާ އަދި ސްޓީވް ވެލެންސިއާ ހިމެނެ އެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު އަލެސަންސްރޯ ނެސްޓާ އާއި އާޖެންޓީނާގެ ހުއާން ސެބަސްޓިއަން ވެރޮން އާއި ޗެކް ރިޕަބްލިކުގެ ޕަވެން ނެޑްވަޑާއި އެތުލެޓިކޯ މެޑްރިޑުގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ރަންޒަމާނުގައި 2000 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި ފަހުން ލާޒިއޯ އަށް ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.