10 ޑިސެމްބަރ 2017 - 10:16

އެއީ ސަނާއަށް ޖެހިފައިވާ އާދަޔާ ޚިލާފު ބައްޔެވެ. ބަލީގެ ސަބަބުން ހަންގަނޑުގެ ކުލަ ކަޅުވާން ފެށިއެވެ. ފުރަތަމަ ކަޅުވާން ފެށީ މޫނެވެ. އެ ކަން ފާހަގަވީ ސަނާގެ އެކުވެރިންނަށެވެ. މާލޭގެ ކުލިނިކަކަށް ގޮސް ބޭރު ޑޮކްޓަރަކަށް ދެއްކިއެވެ. އޭނައަށް އެ ބަލި ފެނުނީ އަލަށެވެ. ސަނާ އިންޑިޔާއަށާއި ސިންގަޕޫރަށް ވެސް ދިޔައެވެ. އެ މީހުންނަށް ވެސް ބަލި ދެނެގަންނާކަށް ނޭނގުނެވެ. ސަނާ ބިރުގަތީ އެ ހިސާބުންނެވެ. ނަތީޖާއަކަށްވީ ސަނާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލުމެވެ. ސަނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. ކޮޓަރިން ބޭރަށް ނުކުންނާކަށް ވެސް ސަނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ފިރިމީހާގެ ގޭގައި ދިރިއުޅޭތީ ނުނިކުމެ ފަރުނުޖެހުނީއެވެ. ކިތަންމެ ކުޑަ ކަމަކު، ކިތަންމެ އަވަހަށް ކޮޓަރިން ނުކުންނަން ޖެހުނަސް ސަނާ ނުކުންނަނީ މޭކަޕުކޮށްގެންނެވެ. އައިބުތައް ފޮރުވައިގެންނެވެ. ސަނާގެ ޢާއިލާގެ އެންމެ ގާތް މީހުންނަށް އެ ކަން އެނގެއެވެ. ފިރިއަކަށް ވުމުގެ ކުރިން ނަބީހަށް ވެސް އެ ކަން އެންގިއެވެ. އޭގެ އިތުރުން ދެން އެ ކަން އެނގެނީ ޖިޔާއަށެވެ. ސަނާގެ ހުރިހައި ސިއްރެއް އެނގޭ، އެންމެ ގާތް އެކުވެރިޔާއަށެވެ. ޖިޔާގެ ފަރާތުން އަހަންނަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބުނެވެ. މޭކަޕުނުކޮށް ހުއްޓައި މައިދައިތަ އައިސް ކޮޓަރީގެ ދޮރުގައި ޓަކިޖެހިޔަސް ސަނާ ދޮރެއް ނުހުޅުވައެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފުއްދައިލަނީއެވެ. ސަނާގެ އެ ދިރިއުޅުމަކީ، އުނދަގޫ އަދި ހިތްދަތި ދިރިއުޅުމެކެވެ.
ބޭރުގައި އުޅެނިކޮށް މޫނުގައި ފެންޖެހިދާނެތީ ސަނާ ވިސްނަންޖެހެއެވެ. މޭކަޕުކުރަން ތަންތަނަށް ދާން ޖެހިލުންވެއެވެ. ގޭގެ މީހުންނާ އެއްކޮށް ދަތުރުދެއެވެ. މޫދަށް އެރޭކަށް ނުކެރެއެވެ. މައިދައިތަޔާ އެކުގައި ވިޔަސް ކޮޓަރި ހިއްސާކުރާކަށް ނުކެރެއެވެ. އެ އިން ކޮންމެ ކަމަކަށް ދައްކާނެ ބަހަނާއެއް ސަނާ ހޯދަންޖެހެއެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން ސަނާ ހިތާމަކުރެއެވެ. ސަނާ ދެކޭގޮތުގައި ވަކި ހިސާބަކަށް ބަލި ބޮޑުވުމުން އެ ކަން ސިއްރުކުރަން ސަނާއަކަށް ކުޅަދާނައެއް ނުވާނެއެވެ. މައްސަލައަކީ ބައްޔެއް ނޫނެވެ. ބަލި ސިއްރުކުރަން ސަނާ ބޭނުންވުމެވެ.
އެއްދުވަހަކު ނަބީހު ކުއްލި ގޮތަކަށް ކޮޓަރިން ބޭރަށް ނުކުތެވެ. ތަޅުދަނޑި ނުލައެވެ. ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައެވެ. ދިޔަތާ އިރުކޮޅެއް ނުވެ ނަބީހު ދޮރުގައި ޓަކިޖެހިއެވެ. ސަނާ ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ މައިދައިތައެވެ. ނަބީހެއް ނޫނެވެ. ސަނާ ހުރީ މޭކަޕު ނުކޮށެވެ. ދޮރު ހުޅުވައިލުމާއެކު ދެ މީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. ބަލި ސިއްރުކުރުމުގެ ގޯސް ހެދުމަށް ފަހު ދެވަނައަށް ވެސް ސަނާއަށް ހެދުނީ ގޯހެކެވެ. އެއީ، އަވަހަށް ދޮރު ލެއްޕުމެވެ. މައިދައިތަ ހުރީ، ހުރި ފިޔަވަޅުމަތިން ގުޑާލަން ނޭނގިފައެވެ. އެ ދަނޑިވަޅުގައި ނަބީހު އައެވެ. މައްސަލަ ފެށުނު ދުވަހަކީ އެއީއެވެ. ބަހަނާއަކަށް ބަލަބަލާހުރި ފަހީމާއަށް ލިބުނީ ރަނުގެ ފުރުޞަތެކެވެ.
"އޭނައަކީ ފުރޭތައެއް. ބަލާވެރިކަމެއް،" ފަހީމާ ރުޅިއައިސްފައި ބުންޏެވެ. "ކީއްވެ އޭނަ އެ ކަން ސިއްރުކުރީ؟"
"އަހަންނަށް އެނގެޔޭ އެ ކަން މަންމާ،" ނަބީހު ޖަވާބުދިނެވެ. "ސަނާ ބުންޏޭ!"
"މަގޭ ގާތަކު ނުބުނެޔޭ!" ފަހީމާ ހަޅޭއްލަވައިގަތެވެ. "ފޮރުވައިގެން އުޅުނީ. ކިތައް ދޮގުހެދި؟ އަހަރެން މީ ގާތް މީހެއް ކަމަށް ނުދެކޭތީތާ އަހަންނަށް އެ ވަރަށް ދޮގުހަދާނީ. މިހާ ހިސާބުން މަށަށް ވެސް އޭނައަކީ ބީރައްޓެއްސެއް. އަޅައިގެންފަ ވެއްޓުނަސް އަހަންނަކަށް ދެނެއް އޭނައެއް ނުފެންނާނެ."
ސަނާގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ނަބީހު ހުރީ ސަނާގެ އަތުގައި ހިފަހައްޓައިގެންނެވެ. ފަހީމާ ކޮންމެ އެއްޗެއް ކިޔަސް ނަބީހުގެ ވިސްނުން ބަދަލެއް ނުވެއެވެ. ހިތްވަރުދިނެވެ. ވަކިނުވާނެކަމުގެ ޔަގީންކަން ދިނެވެ. ސަނާ ބޭނުންވީ އެ ބަލިން ސަލާމަތްވާށެވެ. ބައްޔަށް ބޭސްކުރާށެވެ. އެ ކަމެއް ނުވިއެވެ. ސަނާ ޓިއުޝަންދޭން ފެށިއެވެ. ކަންދިމާކުރި ގޮތުން ސަނާ ކިޔަވައިދިން ހުރިހައި ކުދިން ވެސް ވަރަށް މޮޅެވެ. ކޮންމެ އަގެއް ދީގެން ނަމަވެސް ޓިއުޝަންނަގަން ކުދިންގެ މައިންބަފައިން ތިބީ ތައްޔާރަށެވެ. ފައިސާ އޮހެމުންދިޔައެވެ. ބައްޔަށް ލުޔެއް ނުލިބުނެވެ.
ސަނާ ކިތަންމެ ފަހަރަކު ރާއްޖެއިން ބޭރަށް ދިޔައެވެ. އެކަމަކު، އެ ބަލީގެ ފަރުވާއެއް ނުފެނުނެވެ. ނަބީހު ގެއަށް އަންނައިރަށް މައިދައިތަ ކުދިކިޔަން ފަށައެވެ. ފުލޯކު ވާހަކަދައްކައިގެން ނަބީހު ބިރުގަންނަވައެވެ. ސަނާގެ ބަލި އެހެން މީހުންނަށް ފެތުރިދާނެކަމެވެ. ދަރިޔަކު ލިބިއްޖެ ނަމަ ދަރިފުޅަށް ކުރިމަތިވެދާނެ މައްސަލަތަކެވެ. އެ ވާހަކަތައް ގަބޫލުނުކުރަން ނަބީހު ވަރަށް މަސައްކަތް ކުރިއެވެ. ނަބީހު ބެލީ ގެއަށް ނުވަދެ ވޭތޯއެވެ. މަންމަ ނުފެންނަ ހިސާބުގައި އުޅެވޭތޯއެވެ. ހުރިހައި ކަމަކާ ކުރިމަތިލާންޖެހުނީ ސަނާއަށެވެ. ސަނާގެ ހިތުގައި މައިދައިތަ ވަޅިއަޅާ ނޮޅާ ވަގުތު މައިދައިތަގެ އަތުގައި ހިފަހައްޓާކަށް ނަބީހެއް ނުހުރެއެވެ. ސަނާ އެ މައްސަލަ ޖެއްސިއެވެ. ނަތީޖާއަކަށްވީ މައްސަލައިން މައްސަލަ ފެޅުމެވެ. ސަނާ ދެކެ ނަބީހު ފޫހިވީއެވެ.
އޮފީހުގައި ގިނަ ވަގުތު އުޅެން ފެށުމުން، ނަބީހުގެ ހިތުގައި އެހެން އަންހެނެއް ރަނިކަން ކުރަން ފެށިއެވެ. އެއް އޮފީހުގައި އުޅޭ، ސަނާއަށް ވުރެ ޒުވާން އަންހެންކުއްޖެކެވެ. އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅު ފިރިމީހާ ދެ އަތް ފޮޅައިލުމުން ސަނާގެ ހިތަށް ވަރަށް ތަދުވިއެވެ. ފިކުރު ބޮޑުވިއެވެ. ވާގޮތް ސަނާއަށް އެނގެއެވެ. މައިދައިތަގެ ބަހަށް ނަބީހު ހެއްލެނީއެވެ. ސަނާއަށް ދިމާވެފައިވާ މައްސަލައަކީ ސަނާ އަމިއްލައަށް ކުރި ކަމެއް ނޫނެވެ. ސަނާ ބޭނުންވި ކަމެއް ވެސް ނޫނެވެ. ވީއިރު އެ ކަމާ މައިދައިތަ އެހާ ރުޅިއަންނަނީ ކީއްވެގެންކަމެއް ސަނާއަކަށް ނޭނގެއެވެ. ސަނާ އެ ކަމާ ކަންބޮޑުވެގެން ޖިޔާއަށް ގުޅައިގެން ގަޑިދެގަޑިއިރު ވާންދެން ވާހަކަދައްކައެވެ. ކޯލުތައް ހުރީ ރިކޯޑުވެފައެވެ. އަހަރެން އަޑުއެހީމެވެ.
ފިރިމީހާގެ ލޯތްބާއި މައިދައިތަގެ އޯގާތެރިކަން ނުލިބި ވެސް އެ ކައިވެނި ދެމެހެއްޓޭތޯ ސަނާ ވަރަށް މަސައްކަތް ކުރިއެވެ. ސަނާއަށް ކެތްނުވެގެން ގެއިން ނުކުމޭތޯ މައިދައިތަ ވައްބަހުން އޭތިމީތި ކިއެވެ. އެ ވަރުން ނުފުދިގެން ގެއަށް އަންނަ މީހުން ގާތުގައި ވެސް ސަނާގެ ވާހަކަ ދެއްކިއެވެ. ދައްކަނީ، ސަނާއަށް ހަމްދަރުދީ އުފެދިގެންކަމަށް ހެދިގެންނެވެ. އެންމެ ފަހުން ކެތްނުވެގެން ސަނާ ވަރިވިއެވެ. އެނބުރި ގެއަށް އައެވެ. ބަލީގެ ސަބަބުން ފުރަތަމަ ކައިވެނި ރޫޅުނީއެވެ.
ސަނާއަކީ ތަޢުލީމީގޮތުން ފުންނާބު އުސް، ރީތި އަންހެނެކެވެ. ދުރުން ބަލާ މީހުންނަކަށް ސަނާގެ ބައްޔެއް ހުންނަކަމެއް ނޭނގެއެވެ. އެހެންކަމުން، ވަރިވެގެން އައުމުން ވެސް ސަނާއަށް ލޯބީގެ ދަޢުވަތު އޮހުނެވެ. ފަހުދަކީ އޭގެތެރެއިން ސަނާއަށް އެންމެ ކަމުދިޔަ މީހާއެވެ. ސަނާ އޮޅުވައެއް ނުލައެވެ. ކުރީގެ ކައިވެނި ރޫޅުނު ސަބަބު ފަހުދަށް ކިޔައިދިނެވެ. ކުރިން ކުރި ކައިވެނި ނާކާމިޔާބުވެފައިވާ ފަހުދުގެ ތިން އަހަރުގެ ދަރިއަކު ހުރެއެވެ. އެ ކުއްޖާ ހުންނަނީ ފަހުދު ކައިރީގައެވެ. ސަނާގެ ބައްޔަކީ ފަހުދަށް މައްސަލައަކަށް ނުވުމުން، ފަހުދުގެ ދަރިއެއް ހުރުން ސަނާ ވެސް މައްސަލައަކަށް ނުހެދިއެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް ކައިވެނި ރޫޅޭކަށް ސަނާ ނޭދެއެވެ. އެ މަގު އަމާންކުރުމަށް ޓަކައި ސަނާގެ ހާލަތު ފަހުދުގެ މަންމައަށް ކިޔައިދޭން ސަނާ އެދުނެވެ.
"އަހަރެންގެ އެއްވެސް ނިންމުމަކަށް މަންމަ ދެކޮޅެއް ނަހަދާނެ،" ފަހުދު ބުންޏެވެ. "ހުރިހާ މައިދައިތައިން އެއްގޮތްވާކަށް ނުޖެހެއެއްނު."
ސަނާ ހިތްހަމައެއް ނުޖެހުނެވެ. އެންމެ ފަހުން ފަހުދުގެ މަންމަޔާ މަޝްވަރާކޮށް ރުހުން ހޯދައިގެން ފަހުދު އައެވެ. ފަހުދާއި ސަނާގެ ކައިވެނި ކުރެވުނެވެ. އެއީ، ދޮގުގެ ވާފަށަކުން ގުޅުނު ގުޅުމެކެވެ. ސަނާގެ ބައްޔާ ބެހޭގޮތުން ފަހުދުގެ މަންމަޔަކާ މަޝްވަރާއެއް ނުކުރެއެވެ. ކޮށްފިއްޔާ މަންމަ އިންކާރު ކޮށްފާނެތީއެވެ. ޖެހުނީ އެއްތާކުއެވެ. ފަހުދުގެ މަންމަ ވެސް ސަނާ ބަލައެއްނުގަތެވެ. އެ ފަހަރު ސަނާ ކުރިމަތިލާން ޖެހުނީ މައިދައިތަޔާ އެކަންޏެއް ނޫނެވެ. ފަހުދުގެ ދަރިފުޅުގެ މަންމަ ވެސް ގެއަށް އައިސް، މައިދައިތަޔާ އެއްބައިވެގެން ސަނާއަށް ޖެއްސުންކުރިއެވެ. ކޮންމެވެސް ގޮތަކުން ފަހީމާއަށް އެ ކަން އެނގުނެވެ. އޭނަ ވެސް ފޯނުކޮށްގެން ސަނާއަށް މަލާމާތްކުރިއެވެ. އެ ނަންބަރު "ބްލޮކް ކޮށްލުމުން" އެހެން ނަންބަރަކުން ގުޅައިގެން ވެސް ސަނާއަށް ޖެއްސުންކުރުން ފަހީމާ ހުއްޓައެއް ނުލިއެވެ.
"މަގޭ ދަރިއަށް ސިހުރުހެދި ގޮތަށް ފަހުދަށް ވެސް ސިހުރުހަދައިގެން ދޯ ކަލޭ އިނީ؟" ފަހީމާ ކިޔަނީ އެ ކަހަލަ އެއްޗެއްސެވެ. "ތީ ބޮޑު މުސީބާތެއްނު. ބިރުވެރިކަމެއްނު. ކާކު ކަލޭދެކެ ލޯބިވާނީ؟"
ފަހުދަކަށް އެ ކަމެއް ނޭނގެއެވެ. ސަނާ ޝަކުވާއެއް ނުކުރެއެވެ. ކުރީ ފަހަރު ވީގޮތް ތަކުރާރުވާކަށް ސަނާ ނޭދެއެވެ. ސަނާ ހީކުރީ އެކަނިމާއެކަނި ހިތާމަތަކާ ކުރިމަތިލެވޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ.
ސަނާގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ދަށަށެވެ. މައިދައިގެ މަލާމާތާއި ޖެއްސުން ވީ އިތުރެވެ. ލިބުނު ހިތްދަތިކަން ބަލިގަނޑަކަށް ބަދަލުވިއެވެ. އެ ބައްޔަށް ފަރުވާހޯދަން ޖެހުނެވެ. ކެއުންބުއިމަށް ދަތިވެ، ގިނަ ވަގުތު ސަނާ އޮންނަނީ އެނދުގައެވެ. ތިމާގެ ހިތްދަތިކަމާއި، ބަދުނަސީބުކަމާ މެދު ފިކުރު ކުރުމުގައެވެ. ވަރިވެގެން ދާކަށް ސަނާ ބޭނުމެއް ނޫނެވެ. އިނދެގެން އުޅުނުދޭކަށް މައިދައިތަ ބޭނުމެއް ނޫނެވެ. އެންމެ ފަހުން ސަނާއަށް ކެތް ނުވީއެވެ. ކަރަށް މަޅިގަނޑު މަހައިލީއެވެ. އެކަމަކު އެ މަޅިގަނޑު "އެލުވީ" އެހެން ބަޔެކެވެ. މެންދުރު ގެއަށް އައިސް ފަހުދަށް ފެނުނުއިރު ސަނާގެ ހަށިގަނޑު ހުރީ ހަރުދަނޑިވެފައެވެ. ފުލުހުންނަށް އެންގިއެވެ. އެކަމަކު، އެ ޚަބަރު ސިއްރުކުރިއެވެ. ދަންޖެހުނު ވާހަކަ ނޫހަކު ނުޖަހައެވެ. ހަށިގަނޑުގެ އެއްވެސް ކަހަލަ ޓެސްޓެއް ހަދާކަށް ވެސް އެއްބަހެއް ނުވިއެވެ. ޢާއިލާގެ ޤަދަރަށް ޓަކައި ކަމަށް ބުނެއެވެ.
ވީހާ ވެސް އަވަހަކަށް ސަނާ ވަޅުލައިފައި ވާހަކަ އޮއްބައިލިއެވެ. ކުށްވެރިން އަދިވެސް ތިބީ ތޭރިތަކުން ބޭރުގައެވެ. ޔަގީނެވެ. އަހަރެންގެ ފަރާތުން ސަނާ އެދުނީ މި ވާހަކަ ކިޔައިދޭށެވެ. ސަނާ އަމިއްލައަށް މަރުވީކީ ނޫނެވެ. ސަނާއަކީ، ރަޙުމު ކުޑަ އެތައް ބަޔެއްގެ ސިކާރައެކެވެ. ވަގުތުގެ ކުރިން މިލާ މޯޅިވި ފިނިފެންމަލެކެވެ. މާޔޫސްވުމުން އަމިއްލައަށް މަރުވުމަކީ ޙައްލެއް ނޫނެވެ. އެކަމަކު ބައެއް ފަހަރު އެ މަގު އިޚުތިޔާރުކުރުމަށް ދުނިޔެ މަޖުބޫރު ކުރެއެވެ. މިއީ އެ ފަދަ އެންމެ މީހެއްގެ ވާހަކައެވެ.
------------------------------------------------
ނިމުނީ