10 ޑިސެމްބަރ 2017 - 01:16

ބަޣުދާދު (ޑިސެމްބަރު 10) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރި ހަނގުރާމަ ނިންމާލައިފިކަން އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ މިރޭ އިއުލާން ކުރައްވައިފި އެވެ.
"އިރާގު ސިފައިން މިހާރު ވަނީ ސީރިއާ-އިރާގު ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައި. އެހެންވެ އައިއެސްގެ މައްޗަށް ކާމިޔާބު ހޯދާ ހަނގުރާމަ ނިންމާލިކަން އިއުލާން ކުރަން،" ބަޣުދާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބާދީ ވިދާޅުވި އެވެ.
އައިއެސްގެ މައްޗަށް އިރާގުން ކާމިޔާބު ހޯދި އިރު އައިއެސްގެ ބާރުގެ ދަށުގައިވާ އެންމެ ފަހު ޓައުން ކަމަށްވާ ރަވާ ވަނީ މިދިޔަ ނޮވެމްބަރު މަހު ހިފައިފަ އެވެ. އޭގެ ފަހުން ވަނީ ބޯޑަރު ސަރަހައްދުގައި ތިބި އައިއެސްގެ މަދު ހަނގުރާމަވެރިން ފައްސާލުމުގެ މަސައްކަތް ކޮށްފަ އެވެ.
ހަނގުރާމަ ނިމުނުކަން އިރާގުގެ ބޮޑު ވަޒީރު ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން އިރާގު ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް އަބްދުލް އަމީރު ރަޝީދު ޔާރަﷲ ވަނީ އައިއެސްގެ ބާރުގެ ދަށުން އިރާގުގެ ހުރިހާ ބިމެއް ސަލާމަތްކޮށްފައިވާ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ.
މީގެ ހަ މަސް ކުރިން ވެސް އައިއެސް އަކީ އިރާގުގެ ބާރުގަދަ ބައެކެވެ. އެ ގައުމުގެ މުހިންމު ސިޓީތައް އޮތީ އައިއެސްގެ ބާރުގެ ދަށުގަ އެވެ. އިރާގާއި ސީރިއާގެ ބިންތައް އައިއެސް އިން ހިފަން ފެށީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އިރާގުގެ މުހިންމު ސިޓީތައް ކަމަށްވާ މޫސަލް، ރަމާދީ އަދި ފައްލޫޖާ ފަދަ ތަންތަން އައިއެސްގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަނީ އައިއެސް އިން ހިފި ބިންތަކުން އެ މީހުން ބޭލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.