ނައިޖީިރިއާގެ މޫސާ ރެކޯޑް އަގެއްގައި ލެސްޓާ އަށް
ނައިޖީިރިއާގެ މޫސާ ރެކޯޑް އަގެއްގައި ލެސްޓާ އަށް

ލެސްޓާ (ޖުލައި 9) - ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް އަހުމަދު މޫސާ 16 މިލިއަން ޕައުންޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.

ލެސްޓާ އިން އެ ކްލަބުގެ ރެކޯޑް އަގެއްގައި މޫސާ ގަތްއިރު އޭނާ އަށް ސައުތުހެމްޓަން އާއި އެވަޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުން އައީ ފާރަލަމުންނެވެ.

ރަޝިއާ ލީގު ސީއެސްކޭއޭ އަށް ކާމިޔާބުކޮށްދިނުމަށް ފަހު އުމުރުން 23 އަހަރުގެ މޫސާ ލެސްޓާއާ ގުޅުނުއިރު އޭނާ އަކީ އާ ސީޒަނަށް އެ ޓީމަށް ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ތިން ކުޅުންތެރިންނަކީ ގޯލްކީޕަރު ރޮބް ރޮބަޓް ޒިއެލާ އާއި ޑިފެންޑަރު ލުއިސް ހެނާންޑޭޒް އަދި މިޑްފީލްޑަރު ނަމްޕައިލްސް މެންޑީ އެވެ.

ސީއެސްކޭއޭއާ 2012 ވަނަ އަހަރު ގުޅި އޭނާ ވަނީ 168 މެޗުން 54 ގޯލް ޖަހައިދީފަ އެވެ. އަދި ގައުމީ ޓީމަށް 58 މެޗުން 11 ލަނޑު ޖަހައިދިނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކޮޅަށް މޫސާ ދެ ލަނޑު ޖެހި އެވެ. އޭނާ އަކީ ވޯލްޑް ކަޕުގެ މެޗެއްގައި ދެ ލަނޑު ޖެހި ނައިޖީރިއާގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.